އެއް ހާހަށް ވުރެ ގިނަ ބައިވެރިންނާ އެކު، ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ފަށައިފިއެވެ.

އަތޮޅު ކައުންސިލްތަކަށާއި ސިޓީ ސްކޫލްތަކަށް، އަދި އަމިއްލަ ޤުރްއާން ކްލާސްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށާއި ކުންފުނިތަކުގެ އިތުރުން ހާފިޒުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 1،022 ދަރިވަރުން ކިޔަވާނެއެވެ.

އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 600 ދަރިވަރުން، ނުބަލައި ކިޔެވުމުގެ ގޮފިން 409 ދަރިވަރުން، އަދި ހާފިޒުންނަށް ހާއްސަކޮށްފައިވާ ގޮފިން 13 ދަރިވަރުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި މުބާރާތުގައި މި އަހަރު 121 މުއައްސަސާއަކުން ބައިވެރިވާނެ ކަމަށެވެ. އެއީ:

  • ސިޓީ ސްކޫލް: 55
  • އަތޮޅު ކައުންސިލް: 18
  • ޖަމިއްޔާ ޖަމާއަތްތަކާއި ޤުރްއާން ކްލާސްތަކާއި ކުންފުނިތައް: 47

މިދިޔަ ދެ އަހަރު ފިޔަވައި އެހެން އަހަރުތަކުގައި ޤުރްއާން މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. ނަމަވެސް މިފަހަރު ބާއްވާ މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލާއި އޮޑިޓޯރިއަމް ހޯލުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ޑިރެކްޓަރު އިބްރާހީމް އަބްދުލްކަރީމް "ދަ ޕްރެސް" އަށް ވިދާޅުވީ، މުބާރާތުގެ ކިޔެވުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކުރިއަށް ދާނެ ކަމަށާއި، ޤުރްއާން މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ މި މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޤުރްއާން މުބާރާތުގެ ކިޔެވުން ކުރިއަށްދާ މުއްދަތުގައި "މަޚްރަޖާނުލް ޤުރްއާން"ގެ ނަމުގައި ސަލްމާން މިސްކިތުގެ ގޯތިތެރޭގައި އާންމުން ޝައުގުވެރިވާ ފަދަ މުހިންމު ހަރަކާތްތަކެއް ހިންގަމުން ދާނެއެވެ.

މިއީ ކޮވިޑް-19 އަށް ފަހު، ޖަލްސާކުރާ ވަކި މާލަމެއްގައި ޤުރްއާން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ކޮވިޑާ ހެދި 2020 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިޔައިރު، މިދިޔަ އަހަރުގެ މުބާރާތް ބޭއްވީ ވާޗުއަލްކޮށް ހުޅުވާލައިގެންނެވެ.

1986 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ގުރުއާން މުބާރާތް ބާއްވަނީ ބައިވެރިންނާއި އަޑުއެހުންތެރިންގެ ހިތްތަކުގައި ޤުރުއާނާ މެދު ޝައުގުވެރިކަން އުފައްދައި، ޤުރުއާނާ މެދު އޮންނަ ލޯބި އާލާކުރުމާއި، ޤުރުއާނުގެ ސަބަބުން އަގީދާ ވަރުގަދަކުރުމުގެ ގޮތުންނެވެ.