މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020"ގެ ފައިނަލް ބުރުގައި ހޮވުނު ބައިވެރިންގެ ކިޔެވުންތައް މާދަމައިން ފެށިގެން ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތުގެ ކިޔެވުންތައް ދެއްކުމަށް ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ކިޔެވުންތައް ދައްކަމުން ގެންދާނީ ވީޓީވީންނާއި އެ މިނިސްޓްރީގެ ޔޫޓިއުބް ޗެނަލުންނާއި ފޭސްބުކް ޕޭޖް އަދި ވީޓީވީގެ ފޭސްބުކް ޕޭޖުންނާއި ޓްވިޓާއިން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޤުރުއާން މުބާރާތުގެ ކިޔެވުންތައް ދައްކަމުންދާނީ 3 ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ފުރަތަމަ ދަންފަޅި ހެދުނު 8:00 އިން 10:00 އަށް އަދި ދެވަނަ ދަންފަޅި މެންދުރުފަހު 3:00 އިން 4:00 އަށް އަދި 5:00 އިން 6:00 އަށް އަދި ތިންވަނަ ދަންފަޅި 6:00 އިން 7:45 އަށެވެ.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020ގެ ފައިނަލް ބުރުގައި ކިޔެވުމަށް 343 ބައިވެރިން ވަނީ ހޮވިފައެވެ. އެއީ ފުރަތަމަ ބުރުގައި ބައިވެރިވި 3055 ބައިވެރިންގެ ތެރެއިން ވީޑިއޯ ފޮނުވި 2593 ބައިވެރިންގެ ވީޑީއޯ، މުބާރާތުގެ ފަނޑިޔާރުން ބެއްލެވުމަށްފަހު ފައިނަލް ބުރަށް ހޮވުނު 343 ބައިވެރިންނެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވަދު (ދިގުރާގު) ކެޓެގަރީ އާއި ހަދަރު (ކުރުރާގު) ކެޓަގަރީއެވެ. ފައިނަލް ބުރަށް މުޖައްވަދު (ދިގުރާގު) ކެޓަގަރީއަށް 34 ބައިވެރިން އަދި ހަދަރު (ކުރުރާގު) އަށް 309 ބައިވެރިން ވަނީ ހޮވިފައެވެ.