މިއަހަރުގެ ރަމަޟާން މަހު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި ކުޑަކުދިންގެ ގުރުއާން މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ގދ. ފިޔޯރީ، ސައިރެސް، ޔޫސުފް އާކިން އަހުމަދު ސައީދު ހޯދައިފިއެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމު ހަވާލުކޮށްދެއްވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ އަބްދުﷲ ސައުދާންއެވެ.
ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާއިން ވެސް އެއްވަނަ ހޯދީ އާކިންއެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ 5 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދި ގދ. ފިޔޯރީ، ސައިރެސް، އައިޝާ އައިލިޝް އަހުމަދު ސައީދެވެ. އައިލިޝްއަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މުޅި މުބާރާތުން ތިންވަނަ ހޯދީ 7 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދި އުމަރު މުހައްމަދު އިސާމްއެވެ. އޭނާއަށް ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މުބާރާތުން އެއްވަނަ ލިބުމާ ގުޅިގެން އާކިން ބުނީ، އެ ކާމިޔާބީއާ މެދު ވަރަށް އުފާކުރާ ކަމަށާއި މައިންބަފައިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަކީބު ވަނީ، ތުއްތު ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޕީއެސްއެމްގެ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ބާރުއެޅުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.
