ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިން ހޯދުމަށް، ފާމަސޫޓިކަލް ކުންފުނި، އަސްޓްރާޒެނީކާއާއެކު އެއްބަސްވުމެއް އެކުލަވާލާފައި ވާ ކަން، މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހާމަ ކުރައްވައިފިއެވެ.

މުހްޔިއްދީން ވިދާޅުވި ގޮތުގައި، އަސްޓްރާޒެނީކާއާއެކު މެލޭޝިއާއިން އެއްބަސްވުން އެކުލަވާލީ 6.4 މިލިއަން ޑޯޒްގެ ވެކްސިން ހޯދުމަށެވެ. މިއާއެކު މެލޭޝިއާއިން މިވަނީ، އެ ގައުމުގެ އާބާދީގެ 40 ޕަސެންޓަށް ބޭނުންވާ ވެކްސިން ކަށަވަރު ކޮށްފިއެވެ.

މެލޭޝިއާގެ ސިއްހަތާ ބެހޭ ވަޒީރު އާދަމް ބާބާއާއި ހަވާލާދީ މެލޭޝިއާގެ މީޑިއާއިން މީގެ ކުރިން ރިޕޯޓް ކުރި ގޮތުގައި މިއީ މިފަދަ 3 ވަނަ އެއްބަސްވުމެވެ. ގައުމުތަކަށް ކޮވިޑް ވެކްސިން ކަށަވަރު ކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިސްވެ އޮވެ، އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީގެ ތެރެއިން އާބާދީގެ 10 ޕަސެންޓަށް ބޭނުންވާ ވެކްސިން އަދި، ފައިޒާ ގުރުޕޫން އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދުމަށް މެލޭޝިއާގެ ސަރުކާރުން ހުސްވި މަހު އެއްބަސްވުންތައް ހަދާފައި ވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ބާޒާރު ކުރައްވަނީ / ފައިލް ފޮޓޯ: ސްޓްރެއިޓް ޓައިމްސް

ވީޑިއޯ މެދުވެރިކުރައްވާ ތަގުރީރު ކުރައްވަމުން މުހްޔިއްދީން ވަނީ، އާބާދީގެ 80 ޕަސެންޓަށް ބޭނުންވާ ވެކްސިން ކަށަވަރު ކުރުމަށްޓަކައި، ސީނޯވެކް، ކޭންސީނޯ އަދި ގަމާލެޔާއާއެކު މަޝްވަރާތައް ކުރިއަށް ދާ ކަންވެސް ހާމަ ކުރައްވާފައެވެ.

ވެކްސިން ދިނުމަށް ރާވާފައިވާ ޓައިމްލައިންއަށް އަލިއަޅުއްވާލައްވަމުން މުހްޔިއްދީން ވިދާޅުވީ، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު، ފައިޒާ ކުންފުނީގެ 1 މިލިއަން ޑޯޒް ދޭން ފެށޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރާ ކަމަސެވެ. މެލޭޝިއާގައި އެންމެ ފުރަތަމަ ކޮވިޑް-19ގެ ވެކްސިން ލިބޭ ގުރޫޕުގައި ޚުދު މުހްޔިއްދީންވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ ފަހަތުން ލިސްޓުގައި އޮތީ ފްރަންޓްލައިން ހިދުމަތްތެރިންނާއި ހައި-ރިސްކް ގުރޫޕުތައް ކަމަށް މައުލޫމާތު ލިބެއެވެ.

މެލޭޝިއާގައި ދިރިއުޅެމުން އަންނަ ބޭރު ގައުމުތަކުގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމާ މެދު އެ ގައުމުން ނިންމި ގޮތަކާ ބެހޭ މައުލޫމާތެއް އަދި ނުލިބިއެވެ. މެލޭޝިއާއަކީ މަތީ ތައުލީމު ހާސިލު ކުރުމާއި، ވަޒީފާ އަދާ ކުރުމާއި އެނޫންވެސް އެފަދަ ބޭނުންތަކަށް، ގިނަ އަދަދެއްގެ ދިވެހިން، ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމެކެވެ.