އެޗްޕީއޭއިން މިއަދު އާންމުކުރި އުސޫލަކީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން "ވިސްނާ"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ޓާގެޓްކޮށް ހެދި އުސޫލެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ އާ އުސޫލަކީ އިދިކޮޅުން ބާއްވާ "ވިސްނާ" ޖަލްސާ އަށް ޓާގެޓްކޮށްގެން ހަދާފައިވާ އުސޫލެއް ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ އަތުން "ފެލުން" ހުއްޓެން ނެތް ކަމަށް ވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ވިސްނާ! ހަމަ ކުއްލިއަކަށް މިއޮތީ "ވިސްނާ" ޖަލްސާ އަށް ޓާގެޓް ކޮށްފަ އުސޫލު ހައްދަވާފަ، އެއްލަކން ޖޫރިމަނާ، ރައްޔިތުން ފެލުން ހުއްޓޭ ކަށް ނެތް، ރައްޔިތުން ވިސްނާ،
ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 08:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ. އަދި މި ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ އަމަލު ނުކޮށްފި ނަމަ އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3500 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި ތިންވަނަ ފަހަރު 7500 ރުފިޔާ އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ގާނޫނީ ޝަހްސަކުން އަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25000 ރުފިޔާ އަދި ތިންވަނަ ފަހަރު 50،000 ރުފިޔާ އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. އަދި އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އުއުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލަށް އަމަލުކުރާނީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ތަސްދީގުކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކުރާ އެނޫން ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރިހުގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައްތަން ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމަށް އުސޫލުގައި ވެއެވެ.