މެލޭޝިއާގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ބޭނުންވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާ ވެކްސިން ޑޯޒްތައް ކަށަވަރު ކުރުމަށް، އިނގިރޭސިވިލާތުގެ އަސްޓްރާޒެނީކާ ކުންފުންޏާއެކު މެލޭޝިއާގެ ސަރުކާރުން އެއްބަސްވުމެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މެލޭޝިއާޣެ ސިއްހަތާ ބެހޭ ވަޒީރު އާދަމް ބާބާއާއި ހަވާލާދީ މެލޭޝިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މިއީ މިފަދަ 3 ވަނަ އެއްބަސްވުމެވެ. ގައުމުތަކަށް ކޮވިޑް ވެކްސިން ކަށަވަރު ކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިސްވެ އޮވެ، އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީގެ ތެރެއިން އާބާދީގެ 10 ޕަސެންޓަށް ބޭނުންވާ ވެކްސިން އަދި، ފައިޒާ ގުރުޕޫން އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދުމަށް މެލޭޝިއާގެ ސަރުކާރުން ހުސްވި މަހު އެއްބަސްވުންތައް ހަދާފައި ވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މެލޭޝިއާ ސަރުކާރާއި އަސްޓްރާޒެނީކާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން، ހޯމަ ދުވަހު "ފައިނަލް" ކުރާނެ ކަމަށްވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އާބާދީގެ 50 ފަސެންޓަށް ބޭނުންވާ ވެކްސިން ކަށަވަރު ކުރުމަށް އަމާޒު ހިފާފައި ވާކަމަށާ، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ސަޕްލައި ގެނެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ގައުމުގެ ބޭނުންތަކަށް ވެކްސިން ސަޕްލަޔަރުންގެ ސަމާލުކަން އަތުލުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މެލޭޝިއާގެ އާބާދީގެ 20 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް، 6.4 މިލިއަން ރައްޔިތުންނަށް ބޭނުންވާ 12.8 މިލިއަން ޑޯޒްގެ ވެކްސިން، ފައިޒާ ކުންފުނި މެދުވެރިކޮށް، ކަށަވަރު ކޮށްފައި ވާކަން މެލޭޝިއާއިން އިއުލާން ކުރީ ނޮވެމްވަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މެލޭޝިއާގެ ބައިނަލްއަގުވާމީ ވިޔަފާރިއާއި ސިނާއަތާ ބެހޭ ވަޒީރު އަޒްމީން ޢަލީ ވިދާޅުވީ، ފައިޒާ ކުންފުނިން ފޮނުވާ ވެކްސިންގެ ފުރަތަމަ ބެޗު، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. ސައެންސްއާ ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ހާއިރީ ޖަމާލުއްދީން ވިދާޅުވީ، 2021 ވަނަ އަހަރުގެ ނިޔަލަށް ވެކްސިން ޑޯޒްތައް ލިބެމުންދާނެ ކަމަށެވެ.
މެލޭޝިއާގައި ދިރިއުޅެމުން އަންނަ ބޭރު ގައުމުތަކުގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމާ މެދު އެ ގައުމުން ނިންމި ގޮތަކާ ބެހޭ މައުލޫމާތެއް އަދި ނުލިބިއެވެ. މެލޭޝިއާއަކީ މަތީ ތައުލީމު ހާސިލު ކުރުމާއި، ވަޒީފާ އަދާ ކުރުމާއި އެނޫންވެސް އެފަދަ ބޭނުންތަކަށް، ގިނަ އަދަދެއްގެ ދިވެހިން، ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމެކެވެ.