ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، އަވަށްޓެރި ސްރީލަންކާއިން މަރުވާ މުސްލިމުންގެ ގަބުރުތައް ނައްތާލުމުގައި ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާ ދިނުމަށް، ތަމަޅައިންގެ މައި ޕާޓީ، ޓެމިލް ނޭޝަނަލް އެލާޔަން (ޓީއެންއޭ) އިން އެ ގައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ނުވަތަ ކޮވިޑް ކަމަށް ޝައްކު ކުރެވޭ މަރުގެ ކޭސްތަކުގެ ގަބުރު ނައްތާލަނީ އަނދާލައިގެންނެވެ. ނަމަވެސް މިއީ އިސްލާމީ އުސޫލުތަކާ ހިލާފު ކަމަށް ވާއިރު، މިފަދައިން މުސްލިމުންގެ ގަބުރު އެންދުމާ ދެކޮޅަށް ފެތުރުނު ވަރުގަދަ އޮއެވަރާއެކު، މުސްލިމުންގެ ގަބުރު އަންދާލުން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

ކޮވިޑްގައި މަރުވާ މުސްލިމުންގެ ގަބުރުތަކާ މެދު ވީ އެންމެ އަވަހަކަށް ގޮތެއް ނިންމައިދިނުމަށް އެދި، ލަންކާ ސަރުކާރަށް ގޮވާލަމުން، ޓީއެންއޭ ބުނީ، މިކަމުގައި ގޮތް ނިންމުން ލަސް ކުރުމުން ދާ ކުރުމަކީ، މުސްލިމުންގެ ދީނީ ހައްގުތަކަށް އަރައިގަތުން ކަމަށާއި، މިއީ މުސްލިމުންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަތުން ކަމަށެވެ.

ޓީއެންއޭގެ ތަރުޖަމާނު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެމް އޭ ސުމަންތިރާން ވިދާޅުވީ، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ޑިސެމްބަރު 19 ވަނަ ދުވަހު ބައްދަލުކޮށް، މިކަމާ މެދު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި މުސްލިމުންގެ ގަބުރުތަކަށް ހަދާނެ ގޮތެއް ވީ އެންމެ އަވަހަކަށް ނިންމުމަށް ސަރުކާރަށް ގޮވާލުމަށް، ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށްވެސް އެމްޕީ ސުމަންތިރާން ވިދާޅުވިއެވެ.

އެމްޕީ އެމް އޭ ސުމަންތިރާން އިތުރަށް ވިދާޅުވީ، ކޮވިޑް ޖެހިގެން މަރުވާ މީހެއްގެ ގަބުރު ވަޅުލުމަކުން، އެހެން މީހަކަށް ގެއްލުމެއް އޮތް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ވިދާޅުވެފައި ނުވާކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލަމުން އަންނަކަން ޓީއެންއޭގެ ތަރުޖަމާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގައި އާންމުން ދިރިއުޅޭ ސަރަހައްދެއް ޑިސްއިންފެކްޓް ކުރަނީ/ފޮޓޯ: ޓީއޯއައި

އެމްޕީ ސުމަންތިރާން ވިދާޅުވީ، މިކަމުގައި މުސްލިމު ލީޑަރުންނާއެކު ލަންކާ ސަރުކާރުން މަޝްވަރާ ކުރުން މުހިންމު ކަމަށެވެ. އަދި އިތުރު ލަސް ކުރުމަކާ ނުލާ، މިކަމުގައި އިންސާފުވެރި ނިންމުމެއް ނިންމުމަށްވެސް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު އެންދުމުގެ މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ވަނީ ހުއްޓިފައެވެ. ގަބުރު އެންދުމުގެ މައްސަލާގައި ލަންކާގެ މަސްރަހު ހޫނު ވަމުން އަންނައިރު، މިކަމުގައި ހައްލެއް އޮތްތޯ، ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގެ އެހީއަކަށް އެދިފައެވެ. މިކަމުގައި ރާއްޖެއަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ބެލުމަށް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ދިވެހި ހާރިޖިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

https://thepress.mv/121992

ކަން މިހެން އޮތް ނަމަވެސް، ގައުމުން ބޭރަށް ގަބުރު ގެންގޮސް، ބިދޭސީ ފަސްގަނޑެއްގައި ވަޅުލުމަކީ، ލަންކާގައި ނިކަމެތިވެފައިވާ މުސްލިމުން އިތުރަށް ބިކަ ކޮށްލުން ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ބައެއް ބައިވެރިން ދަނީ ބުނަމުންނެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ މައްސަލައަށް ރާއްޖެއިން ހައްލު ހޯދާ ދިނުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައި ވާއިރު، މިކަން ގޮސްފައިވާ ހިސާބެއް ބެލުމަށް ދަ ޕްރެސްއިން މިއަދު ދިވެހި ހާރިޖިއްޔާއާ ވާހަކަ ދެއްކުމުން ބުނީ، މިކަމުގައި އަދި "އަޕްޑޭޓެއް ނެތް" ކަމަށެވެ.