އަވަށްޓެރި އިނޑިއާގެ ހަތުރާސް ޑިސްޓްރިކްޓްގައި، މިއަހަރުގެ ސެޕްޓެމްބަރު މަހު ހިންގި ރޭޕްގެ ޖަރީމާގައި އަންހެނެއްގެ ފުރާނަ ގެއްލިދިޔަ މައްސަލާގައި، 4 މީހަކާ ދެކޮޅަށް ރޭޕްގެ ދައުވާ އުފުލައިފިއެވެ.
"ހަތުރާސް ރޭޕް"ގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާއިން ރިއާޔަތް ކުރަމުން އަންނަ މިހާދިސާގައި، ރޭޕްގެ ޝިކާރައަކަށްވި 19 އަހަރުގެ ޒުވާން އަންހެނާ މި ދުނިޔެއާއި ވަކިވެ ދިޔައީ ރޭޕްގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
19 އަހަރުގެ ޒުވާނާގެ އާއިލާއިން ބުނި ގޮތުގައި ގަބުރު ނައްތާލީ އާއިލާގެ އިޒުނަޔަކާ ނުލާ، އަންދާލައިގެންނެވެ. ކަމާ ބެހޭ ފަރާތްތަކުން މިކަން ދޮގު ކުރެއެވެ. އަދި މި ހާދިސާގައި މަރުވެދިޔަ ޒުވާނާގެ ހަށިގަނޑުގައި ފިރިހެނާގެ މަނީގެ އަސަރު ނެތްކަމަށް ޓެސްޓު ތަކުން ދައްކާތީ، ރޭޕް ކުރީ ކަމަށް ނުބަލާން އުޅުނު ކަމުގެ މައްސަލަވެސް ފެންމަތިވިއެވެ.
މަރުވެދިޔައީ، ފަންތީގެ ތަފާތު ކުރުން އިންތިހާއަށް އޮންނަ އިންޑިއާގެ އެންމެ ދަށް ފަންތީގެ ޒުވާނަކަށް ވެފައި، މިކަމުގައި ޝައްކު ކުރެވޭ ކުށްވެރިންނަކީ މަތީ ފަންތިއެއްގެ ބަޔަކަށް ވާއިރު، މައްސަލަ ބެލުމުގައި ހަރަކާތްތެރިވި ފުލުހުންވެސް ގަސްތުގައި އިހުމާލު ވި ކަމުގެ ޝަކުވާތަކެއް ފެންމަތިވިއެވެ. އެއާއެކު އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން މައްސަލަ ބަލަން ފެށިއެވެ.
ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި މީހަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގޭންގު ރޭޕްގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވާ މީހުންނަކީ، ޝިކާރައަކަށްވި ޒުވާނާގެ އާއިލާއާއި ގާތް ގުޅުންތަކެއް އޮންނަ ބައެކެވެ.
ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު، އުއްތަރަޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓްގައި ހިންގި ކަމަށް ބުނާ ގޭންގު ރޭޕުގެ ޖަރީމާގައި ހައްޔަރު ކޮށްފައިވަނީ، ފަންތީގެ ފަރަގު އިންތިހާއަށް އޮންނަށް އިންޑިއާގައި އެންމެ ގަދަރުވެރި އެއް ގިންތީގެ ގޮތުގައި ބަލާ "ޓާކޫރު" ގިންތިއަށް ނިސްބަތް ވާ މީހުންނެވެ.
2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އިންޑިއާގައި، ބަހެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައަށް ފަހު، އިންޑިއާގައި ހިނގާ މިފަދަ ހާދިސާތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓެއެވެ.