ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، އަވަށްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން އަންދާ މައްސަލައަކީ ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. އެކަމާ ދެކޮޅަށް ސްރީލަންކާގައި ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުވާލި އެއް ވާހަކައަކަށް ވީ، އުމުރުން އެންމެ 20 ދުވަސްވީ ތުއްތު ކުއްޖެއްގެ ހަށިގަނޑު އަންދާލުމަށް މަޖުބުރޫވި ވާހަކައެވެ. އާއިލާގެ ރުހުމާ ދެކޮޅަށް އެ ތުއްތު ކުއްޖާގެ ގަބުރު އަންދާލިއިރު، މިއީ ބުދިސްޓުންނަށް އަގުލަބިއްޔަތު އޮންނަ ސްރީލަންކާގައި މިފަދަ ގޮތަކަށް އެންމެ ފަހުން އަންދާލި ހަށިގަނޑެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ، ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގައި މައްސަލައެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ލަންކާއަށް އެ އަޑު އިވުނު ކަމަކަށް ނުހެދިއެވެ. ކޮވިޑް ޖެހިގެން މަރުވާ މީހުންނާއި، ކޮވިޑް ކަމަށް ޝައްކުވާ މަރުތަކާ ގުޅޭ ކޭސްތަކުގައި، ގަބުރު ނައްތާލާނީ އަންދާލައިގެން ކަމަށް ލަންކާއިން ކަނޑައެޅީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ލަންކާގެ ފްރަންޓްލައިން ހިދުމަތްތެރިންނާ ސަލާމަތީ ބާރުގެ އޮފިޝަލުންތަކެއް / ފޮޓޯ: ދަ ނޭޝަނަލް

ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ. ތުއްތު ތުއްތު ޝައިހްގެ ގަބުރު އަންދާލީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ ރަށްފުށު އަވަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަވަށް ކަމަށްވާ ބޮރިއްލާގެ ގަބުރުސްތާނެއްގައެވެ. ޝައިހްއަކީ ލަންކާއިން މިހާތަނަށް އަންދާލި 15 މުސްލިމުންގެ ތެރެއިން އެންމެ ހަގު މުސްލިމެވެ.

ޝައިހުގެ ބައްޕަ، އެމްއެފްއެމް ފަހީމް ބުނީ، އޭނާގެ ދަރިފުޅުގެ ގަބުރު އަންދާލި މަންޒަރު ބެލުމަށް އެއްވެސް ވަރަކަށް ހިތްވަރު ނުލިބުނު ކަމަށެވެ.

"އަހަރެންގެ ތުއްތު ދަރިފުޅު އަންދާލާ މަންޒަރު ބަލަން، އެތަނަށް ދާކަށް ނުކުރޭނޭ ބުނިން. މަންމައާއި ބައްޕަވެސް އިއުތިރާޒުގެ ސިޓީގައި ސޮއިކޮށްފައި ނުވާއިރު، ދަރިފުޅު އަންދާލުމައިގެން ކުރިއަށް ދިޔައީ ކިހިނެއްތޯ އާއިލާއާއި ރައްޓެހިންވެސް ސުވާލު ކުރޭ" ފަހީމް ބުންޏެވެ.

ކަމާ ބެހޭ ފަރާތްތަކުން ފަހީމަށް އެންގީ އޭނާގެ ދަރިފުޅަކީ ކޮވިޑް ޕޭޝަންޓެއް ކަމަށާ، އެ ދަރިފުޅުގެ ގަބުރު އަންދާލުމުގެ ބާރު އެމީހުންނަށް (ކަމާބެހޭ ފަރާތްތަކަށް) އޮތް ކަމަށެވެ. ފަހީމް ސިފަ ކުރި ގޮތުގައި އެ ދަރިފުޅު އަންދާނުލެވިގެން ކަމާ ބެހޭ ފަރާތްތަކުން ކެތް މަދުވެފައި ތިބި ފަދައެވެ. ފަހީމްމެން ކުރިމަތި ކުރި އެއްވެސް ސުވާލަކަށް ކަމާ ބެހޭ ފަރާތްތަކުން ދޭނެ ޖަވާބެއް މިއަދު ނެތް ކަމަށްވެސް ފަހީމް ބުނެއެވެ.

ސްރީލަންކާއިން 1100 އެއްހާ މީހުންނަށް ކޮވިޑް-19 ޖެއްސި ކަމުގެ ޒިންމާ އުފުލަންޖެހިފައިވާ (ޕޭޝަންޓް 206) ޕްރަސާދު ދިނޭޝް/ފޮޓޯ: ޑަބްލިއުއެފްއެމްޒީ

"މަޖުބޫރުން ދަރިފުޅުގެ ގަބުރު އަންދައިގެން ނައްތާނުލާ، ވަޅުލަން ފުރުސަތު ދިން ނަމަވެސް، ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނީސް. ހިތަށް ދަތި ދަތި ވަނީ، މަޖުބޫރުން އެކަން ކުރުވީމަ" ފަހީމް، އޭނާގެ ހިތުގެ އިހުސާސްތައް ބޭރު ކުރެވޭ ތޯ މަސައްކަތް ކުރިއެވެ.

ސްރީލަންކާއަކީ މުސްލިމުންނާ ދެކޮޅު ފިކުރުގެ ހަރުކަށި އުސޫލުތަކެއް ތަންފީޒު ކުރުމުގެ ރެކޯޑެއް އޮތް ގައުމެއްކަން ހަނދާން ނައްތާލެވޭކަމަށް ނެތެވެ. 2019 ވަނަ އަހަރަކީވެސް ލަންކާގެ މުސްލިމުންނަށް ހިތްދަތި އަހަރެކެވެ. ކޮވިޑް-19އާއެކުވެސް މުސްލިމުންނަށް ކުރިމަތިވި ބަނަވިލާގަނޑުގެ ކޮޅިގަނޑު ވަކިން ގަދަވީ، ގަބުރުތައް އަންދަން މަޖުބޫރުކުރުވި ހިސާބުންނެވެ.

"ސަރުކާރުން ބޭނުންވަނީ ބައިމަދު މީހުންގެ ޖަޒުބާތާ ކުޅެން. އެމީހުން (ސަރުކާރުން) އެދަނީ ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާއި، އަސާސީ އިންސާނީ ހައްގުތަކާވެސް ހިލާފު ވަމުން" ސްރީލަންކާގެ ވެސްޓާން ޕްރޮވިންސްގެ ގަވަރުނަރުކަން ކުރިން ކުރައްވާފައި، އަދި ނޭޝަނަލް ޔުނިޓީ އެލާޔަންސް (އެންޔޫއޭ) ގެ ލީޑަރު އައްޒަތު ސައްލޭ ވިދާޅުވިއެވެ.

"އުމުރުން އެންމެ 20 ދުވަހުގެ ތުއްތު ކުއްޖަކަށްވެސް އެމީހުން (ސަރުކާރުން) ދުލެއް ނުދިން. އާއިލާއަށް ކުރިމަތިކުރި ތަކުލީފު ކުޑަވެގެން، ސަރުކާރުން އެންގި، އެ ކުއްޖާގެ ގަބުރު އަންދާލުމަށް ހިނގި ހަރަދު (ގާތްގަނޑަކަށް 300 ޑޮލަރު) ދައްކަންވެސް" ސައްލޭ ބުންޏެވެ.

ސައްލޭ ވަނީ ބައިމަދު އާބާދުތަކުގެ މީހުންގެ ގަބޫލު ކުރުންތަކަށް އިހުތިރާމް ކުރުމަށް ލަންކާ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ސްރީލަންކާގެ ސިއްހީ އިދާރާތަކުން ބުނަމުން ދަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަކީ ބިމުގެ ފެންފަށަލަ ތަގައްޔަރު ކުރާނެ ކަމެކެވެ.

ގަބުރު އަންދާ މައްސަލަ މުރާޖާ ކުރުމަށް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހާއްސަ ކޮމިޓީއެއް އެކުލަވާލިއެވެ. ކޮމިޓީއިން އެ ބެލި ކަމެއް ބެލުމަށްފަހު އެ ނިންމުން ބަދަލު ކުރާކަށް ނުއުޅެނެއެވެ.

ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާ ޕީޕީއީލައިގެން ތިބި ބަޔަކު ސަންދޯކެއް އުފުލަނީ / ފޮޓޯ: ދަ ހިންދޫ

ލަންކާގެ މުސްލިމުންގެ އާބާދީއިން ދަނީ، މަޖުބޫރުން ގަބުރު އަންދާ ހިނގާ ހަރަދު ސަރުކާރަށް ދައްކާ ހަލާސް ކުރުމަށް އިންކާރު ކުރަމުންނެވެ. މިއާއެކު، މޯޗަރީތައް ފުރޭ ވާހަކަ ފެންމަތިވިއެވެ.

ކޮޅުނބުގެ މޯޗަރީގައި އޮތް އެއް ގަބުރަކީ، ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މަރުވި، އުމުރުން 76 އަހަރުގެ މުޙައްމަދު ޖެފްރީގެ ގަބުރެވެ.

ޖެފްރީއަށް ބޮޑުބޭބެ ކިއާ މުޙައްމަދު ފާރޫގު މުހައްމަދު އަޝްރަފު ބުނި ގޮތުގައި، އޭނާގެ ބޮޑުބޭބެގެ ގަބުރު މިހާރު އަންދާ ނުލާ ކަމެއްވެސް ނޭނގެއެވެ. އޭނާ ބުނި ގޮތުގައި، އެ އާއިލާއިން މޯޗަރީއަށް ފަހުން ޒިޔާރަތް ކޮށްފައެއް ނުވެއެވެ. އެހެން ކަމުން ގަބުރު އޮތް ކަމެއް ނެތް ކަމެއް ޔަގީނެއް ނޫނެނެވެ.

ގަބުރު އަންދާ މައްސަލާގައި ބައިނަލްއަގުވާމީ ފެންވަރުގައި ލަންކާ ސަރުކާރަށް ޕްރެޝަރު ކުރިމަތިވަމުން އަންނަ އިރު، ލަންކާ ސަރުކާރުން އަދިވެސް އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ލަންކާ ސަރުކާރުން ބުނަމުންދަނީ، ގަބުރު އަންދަނީ ކަމާ ބެހޭ ކޮމިޓީގެ އިރުޝާދާއެކުގައި ކަމަށާ، އެ ނިންމުން ނިންމުމުގައި ސަރުކާރުގެ ދައުރެއް ނުވާނެ ކަމަށެވެ.

ދެން ދެކެވުނީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު ރާއްޖޭގައި ވަޅުލުމުގެ ކަންކަން ހަމަޖެއްސިދާނެތޯ ދިވެހި ސަރުކާރުން ލަންކާ ސަރުކާރަށް ބަލައިދެމުން އަންނަ ކަމަށް ބުނާ ވާހަކައެވެ. މިފަދަ ކަމެއް ހިނގާ ކަން ދިވެހި ހާރިޖިއްޔާއިންވެސް ކަށަވަރު ކޮށްދިނެވެ. ނަމަވެސް، މިއީވެސް ލަންކާގެ މުސްލިމުން އެދޭ ގޮތެއް ނޫނެވެ.

"މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ގަބުރުތައް ރާއްޖެއަށް ބޭރު ކުރާކަށް ބޭނުމެއް ނޫން. ބޭނުމީ އަމިއްލަ ފަސްގަނޑުގައި ވަޅުލަން" މަޖުބޫރުން ގަބުރު އަންދަމުންދާ މައްސަލާގައި އެންމެ ހަރުއަޑުން ވަކާލާތު ކުރައްވަމުން ގެންދަވާ، ލަންކާގެ ކުރީގެ މަޖިލިސް މެމްބަރު ޢަލީ ޒާހިރު މައުލާނާ ވަނީ ވިދާޅުވެފައެވެ.

"ލަންކާގެ ހުށަހެޅުމަށް ރާއްޖެއިން އިޖާބަ ދިން ކަމީ ރަނގަޅު ކަމެއް. އެކަމަކު، މިއީ އަހަރަމެންގެ ގައިގައި ޖެހުން ފަދަ ކަމެއް. އަހަރަމެން އުފަންވީ މިތަނަށް. ދިރިއުޅެނީ މިތަނުގަ. މަރުވެދާންވެސް ބޭނުމީ މިތަނުގަ" ޒާހިރު އިތުރަށް ވިދާޅުވިއެވެ.

ނަސޯރާއިންނަކީވެސް ގަބުރު އަންދާ ބަޔަކަށް ނުވާއިރު، މުސްލިމުންނާއި ނަސޯރާއިން ޖަމާއަތްތަކުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަވެސް، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ބޭރުކޮށްލީއެވެ.