ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން އަވަށްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިގަނޑުން އަނދާލާ މައްސަލަ ހޫނުވަމުން ދިއުމަށް ހައްލެއް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ހަށިގަނޑުން އަނދަމުން ދާ ދިއުން، ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

ސްރީލަންކާގެ ޕަބްލިކް ހެލްތް އިންސްޕެކްޓަރުން ވަނީ ކޮލަމްބޯ ގެޒެޓަށް މިކަން ކަށަވަރުކޮށްދީފައި ކަމަށް ލަންކާގެ ހަބަރުތައް ބުނެއެވެ.

ކޮވިޑްގައި މަރުވެފައި މީހުންގެ ތެރެއިން، އާއިލާއިން ގަބުރުތަކާ ހަވާލު ވެފައި ނުވާ އަނދައިގެން ނައްތާލުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް، ކޮލަމްބޯ މުނިސިޕަލް ކައުންސިލް (ސީއެމްސީ) އަށްވެސް މިހަރު އަންގާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ދިފާއުކުރައްވަން ނިކުމެ ހުންނެވި މަހިންދަ ރާޖަަޕަކްސަ (ކ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: ޓްވިޓާ

ޕަބްލިކް ހެލްތް އިންސްޕެކްޓަރުންގެ ޖަމިއްޔާގެ ސެކްރެޓަރީ އެމް ބާލަސޫރިޔާއާ ހަވާލާދީ ކޮލަމްބޯ ގެޒެޓްއިން ރިޕޯޓް ކުރި ގޮތުގައި، ކޮވިޑްގައި މަރުވި މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ގަބުރުތައް އަދިވެސް ބާއްވާފައި ވަނީ މޯޗަރީގައެވެ. މަސްދަރުތަކާ ހަވާލާދީ ކޮލަމްބޯ ގެޒެޓުން ބުނީ، 9 މީހެއްގެ ހަށިގަނޑާ ހަވާލުވާނެ އެއްވެސް ފަރާތެއް ނެތި އެބައޮތް ކަމަށެވެ.

ބާލަސޫރިޔާ ވިދާޅުވީ، މުސްލިމުންގެ ހަށިގަނޑުން އަންދައިގެން ނައްތާލުން މަޑުޖައްސާލީ މިކަމަށް ހައްލެއް ހޯދުމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގޮވާލެއްވުމާ ގުޅިގެން ކަމަށެވެ.

ކޮވިޑްގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ހާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވީ ހުސްވި ހަފުތާގެ ތެރޭގައެވެ.

މުސްލިމުންގެ ހަށިގަނޑު އެނދުން މަޑުޖައްސާފައި ވަނީ މިކަމަށް އަލިމަގެއް ފެންނަން ދެން ކަމަށްވެސް ބާލަސޫރިޔާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި މީހަކު ކޮވިޑް-19އަށް ޓެސްޓު ކުރަނީ/ފޮޓޯ: ރޮއިޓާޒް

ސްރީލަންކާގެ ސިއްހީ ތަޖުރިބާކާރުން ބޮޑުވަޒީރަށް ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ ޕޭޝަންޓުންގެ ހަށިގަނޑުގައި 36 ދުވަހަށް ވައިރަހުގެ އަސަރު ހުންނާނެ ކަމަށެވެ. މިފަދަ ރޫހެއްގައި ބޮޑުވަޒީރަށް މައުލޫމާތު އަރުވާފައި ވާ އިރު، ރާޖަޕަކްސަ ވަނީ، ދީނީ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަނެކާގެ ސިއްހަތު، ނުރައްކަލަށް ހުށަނޭޅެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ނަމަވެސް، މިކަމާ ދެކޮޅަށް ލަންކާގެ މުސްލިމުންގެ އާބާދީއިން ދަނީ އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ.

މިކަމަށް ހައްލެއް ހޯދުމަށް ލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދަނީ މުސްލިމުންގެ ހަށިގަނޑު ވަޅުލުމަށް ކޮންކުރީޓުން ހާއްސަ ވަޅުތަކެއް ތައްޔާރު ކުރުމުގެ ޕްލޭނެއް ހުށަހެޅުމަށް ތައްޔާރު ވަމުން ކަމަށް ކޮލަމްބޯ ގެޒެޓްގައިވެއެވެ.

މިކަމާ ގުޅިގެން ސްރީލަންކާގެ ޑެޕިއުޓީ ޑައިރެކްޓާ އޮފް ހެލްތް ސާވިސަސް ޑރ ހިމަންތާ ހީރާތު ވިދާޅުވީ، މިކަން ހުށަހަޅާނީ، މިމައްސަލައަށް އެކުލަވާލި ތަޖުރިބާކާރުންގެ ކޮމިޓީގެ ދެން އޮތް ބައްދަލުވުމުގައި ކަމަށެވެ. އަމަޒަކީ ހަނަފަސް ބިމެއްގައި ކޮންކްރީޓުން ކަށްވަޅު ތައްޔާރު ކުރުން ކަމަށްވެސް ޑރ ހީރާތު ވަނީ ކޮލަމްބޯ ގެޒެޓަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ގާޑުންތަކެއް ޗެކްޕޯސްޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: އިންކުއަރާ

ކަން މިހެން އޮތްއިރު، ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް އެހީވެ ދިނުމަށް ލަންކާ ސަރުކާރުން ރާއްޖޭގައި އެދިފައި ވާކަމަށާ، މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާއިން ހޯމަ ދުވަހު ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް ރާއްޖޭގެ އެހީއަށް އެދުނު ކަމުގެ މައުލޫމާތު، ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ވަޒީރުންގެ މަޖިލީހަށް ނޭނގޭ ކަމަށް އެ މަޖިލީހުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.