ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިހާބުގައި، ރައީސް ޑޮނާލްޓް ޓްރަމްޕްގެ ނުފޫޒު އޮތް ކަމަށް ބުނާ 4 ސްޓޭޓެއްގެ ނަތީޖާ ބާތިލު ކުރުމަށް އެދި، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން އިންކާރު ކޮށްފިއެވެ.

ޖޯޖާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ އިންތިހާބީ ނަތީޖާ ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ޓެކްސަސް ސްޓޭޓުންނެވެ. މި 4 ސްޓޭޓުވެސް ކާމިޔާބު ކުރެއްވީ، ޓްރަމްޕާ ދެކޮޅަށް ނިކުންނެވި ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން މާސްކު ތުރުކުރައްވައިގެން / ފޮޓޯ: އޭބީސީ ނިއުސް

އިންތިހާބު ބާތިލު ކުރުމަށް އެދި ޓެކްސަސްއިން ހުށަހެޅި ދައުވާއަށް، 19 ސްޓޭޓް އެޓާނީ އަކާ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 129 މެމްބަރަކު ވަނީ ތާއީދު ކުރައްވާފައެވެ. ނަމަވެސް، މައްސަލަ ބަލައިގަތުމަށް އިންކާރު ކޮށް، އެމެރިކާގެ ސުޕްރީމް ކޯޓުން ބުނެފައި ވަނީ، މިފަދަ ދައުވާއެއް ހުށަހެޅުމުގެ ހައިސިއްޔަތެއް، ޓެކްސަސްއަށް ނެތް ކަމަށެވެ.

މިކަން ވެފައި ވަނީ، އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް އިންކާރު ކުރައްވަމުން ގެންދަވާ ޓްރަމްޕަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިތުރު ފެއިލް ވުމަކަށެވެ. ޓްރަމްޕް މީގެ ކުރިންވެސް ވަނީ، އިންތިހާބުގެ ކަންކަން ސުޕްރީމް ކޯޓުގެ ތެރެއިން ހަމަޖައްސަވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: ސީބީސީ

ކަން މިހެން އޮތް އިރު، ޓްރަމްޕް ގެންދަވަނީ "ޣައިރު ގާނޫނީ" ވޯޓުތަކެއްގެ ސަބަބުން، ވެރިކަމުގެ 2 ވަނަ ދައުރެއް ގެއްލިފައި ވާ ކަމަށް ވިދާޅުވެ، އަސާސެއް ނެތް އިލްޒާމްތަކެއް ފެންމަތި ކުރައްވަމުންނެވެ. އިންތިހާބުގެ ނަތީޖާތައް ލިބެން ފެށި ހިސާބުން ޓްރަމްޕްގެ ކެމްޕޭން ޓީމުން ގެނަދަނީ، އެކި ދާއިރާތަކުގެ ނަތީޖާތަކަށް ޝަރުއީ އިމުގެ ތެރެއިން ގޮންޖެހުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސާބިތު ހިފޭ އެއްވެސް ހެއްކެއް ދެއްކިފައި ނުވުމާއެކު، މިކަމުގައި ޓްރަމްޕަށް ކުރި ހޯއްދެވޭ ގޮތެއް އަދި ނުވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ވެރިކަން ކަށަވަރު ކުރެވެއެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ބައިޑަން ވަނީ 306 ވޯޓު ކާމިޔާބު ކުރައްވާފައެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ނަމަ، ބައިޑަން، އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.