ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ބޮލީވުޑްގެ ކޮރިއޯގްރާފާ އަދި ޑައިރެކްޓާ ރެމޯ ޑިސޫޒާއަށް ހާޓްއެޓޭކެއް ޖެހި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑައިރެކްޓާ އަހުމަދު ހާންވެސް ވަނީ މި ހަބަރު ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރެމޯއަށް ހާޓްއެޓޭކެއް ޖެހުނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން އޭނާއަށް ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައި ވަނީ، ފިލްމް ސިޓީ މުމްބާއީގެ ކޯކިލާބެން ހޮސްޕިޓަލުގައި ކަމަށް ހަބަރު ލިބެއެވެ.

ސީއޯއޯ ސަންތޯޝް ޝެޓީއާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ރެމޯގެ ހާލު މިހާރު ސްޓޭބަލްއެވެ.

ހާޓްއެޓޭކަށް ފަހު ރެމޯގެ އެންޖިއޯގްރަފީއެއް ހަދާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ރެމޯގެ މަސައްކަތެއް އެންމެ ފަހުން ފެނުނީ މިއަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ސްޓްރީޓް ޑާންސާ ތްރީޑީ" އިންނެވެ. ވަރުން ދަވާން އާއި ޝްރައްދާ ކަޕޫރު ފެނިގެން ދިޔަ މި ފިލްމުގައި ރެމޯ މަސައްކަތް ކުރީ ޑައިރެކްޓަރެއްގެ ގޮތުގައެވެ. ރެމޯގެ "ޑައިރެކްޓަރު" ކަމަރު ގައި، "ރޭސް 3" އަދި "އޭބީސީޑީ 2" ފަދަ މަގުބޫލު ފިލްމުތަކެއް ހިމެނެއެވެ.

އުމުރުން 46 އަހަރުގެ ނެށުންތެރިޔާ ރެމޯ ވަނީ، "ޓައިމް ޓު ޑާންސް" މިއުޒިކަލް ޑާންސް ޑްރާމާ އަކާ ދިމާއަށް މިސްރާބު ޖަހާފައި ކަމަށް ހަބަރު ލިބެއެވެ.