ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން 31 އަހަރުގެ އާމިނަތު އިރަމް އަކީ އުފަން ވީ އިރު ވެސް ހިތުގެ މައްސަލައެއް ހުރި އަންހެނެކެވެ. އިރަމް ތަހައްމަލު ކުރަމުން ދާ ވޭނަށް ލުޔެއް ލިބެން އޮތީ "ލަންގް ޓްރާންސްޕާންޓް" އެއް ހަދައި، ހިތުގެ "ލައިގޭޝަން" އެއް ހަދައިގެން ކަމަށް ޑޮކްޓަރުން ބުނެފައި ވާއިރު އެ އާއިލާއިން އަންނަނީ އިރަމްގެ ފަރުވާ އަވަސް ކުރުމަށާއި އެކަމަށް އެންމެ ރަނގަޅު ފަރުވާ ލިބޭ ހޮސްޕިޓަލަކުން ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

2011 ވަނަ އަހަރުން ފެށިގެން މާ ބޮޑަށް ވަރުދެރަ ވާތީ އިރަމް ޑޮކްޓަރަށް ދައްކަމުން ދިޔައެވެ. އޭނާއަކީ 'އެސެންމިންގާ ސިންޑްރޯމް' ގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަން އެނގުނީ 2018 ވަނަ އަހަރުގެ މެދުތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމުންނެވެ. އަވަހަށް އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާ ދީފައި އޮތް ނަމަވެސް އިރަމްގެ ހިތާއި ފުއްޕާމޭގެ ހުރި މައްސަލަތަކާ ގުޅިގެން ސިކުނޑިއަށް އޮކްސިޖަން ލިބޭ މިންވަރު ދަށް ވުމުގެ ސަބަބުން ވަނީ އެ އަހަރު އޭނާއަށް ސްޓްރޯކެއް ޖެހި އޭނާގެ ހާލު ސީރިއަސް ވެފައެވެ. އެހެންކަމުން އެކަމަށް ފަރުވާ ހޯދާފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ 'ބީޖީއެސް ގްލޯބަލް ހޮސްޕިޓަލް' އިންނެވެ.

މިހާރު އިރަމްގެ ހާލަތާއި ބޭސް ފަރުވާއަށް އެ އާއިލާއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ހިއްސާ ކުރަމުން އޭނާގެ ފިރިމީހާ ޔާސިރު އަހްމަދު ބުނީ، އިންޑިއާގެ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައި ވަނީ ހިތާއި ފުއްޕާމޭ ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އިތުރު އޮޕްޝަންތައް ހޯދުމަށް ވެސް އެހެން ހޮސްޕިޓަލްތައް ބެލުމަށް އިންޑިއާގެ ހޮސްޕިޓަލުން ލަފާ ދިން ކަމަށޭވެ. އެގޮތުން އިރަމްގެ ފަރުވާއަށް އެމީހުން އިތުރު ހޮސްޕިޓަލަކުން އެކަން ކުރެވޭތޯ ބެލި ބެލުމުން މި ވަގުތު އެ މީހުންނަށް ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށް ޔާސިރު ބުނެއެވެ.

ދުބާއީގައި ހުންނަ އެމެރިކަން ހޮސްޕިޓަލުގައި އިރަމް އެޑްމިޓްކޮށްފައި

ދުބާއީގައި ހުންނަ "އެމެރިކަން ހޮސްޕިޓަލަށް" މި އަހަރުގެ އޮގަސްޓް މަހު ގޮސް ގިނަ ޓެސްޓުތަކެއް ހެދި ކަމަށާއި އެ ކަމަށް ވަރަށް ރަނގަޅު ބޭސްތަކެއް ވެސް ލިބިފައިވާ ކަމަށް ޔާސިރު ބުނެއެވެ. އަދި ފުއްޕާމޭ ބަދަލު ކުރުމަށާއި ހިތުގެ މައްސަލައިގައި ކުރަން ޖެހިފައިވާ އޮޕަރޭޝަން އެމެރިކާ އިން ކުރެވެން އޮތް ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް އޭނާ ބުނެއެވެ. އަދި އިރަމް ދެއްކި ހޮސްޕިޓަލުން ވަނީ އެ އޮޕަރޭޝަން ޔޫރަޕުން ނޫނީ ޔޫއެސްއޭއިން ކުރުމަށް ރިކޮމެންޑް ކޮށްފައި ކަމަށް ބުންޏެވެ.

އެމެރިކާއިން އޮޕަރޭޝަން ކުރެވޭ، ބޭނުން ވަނީ 6 ލައްކަ ޑޮލަރު!

ދުބާއީގައި ހުންނަ އެމެރިކަން ހޮސްޕިޓަލުން ހެދި އިރަމްގެ ޓެސްޓުތަކަށް ފަހު، އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން އިރަމް ބޭނުން ކުރަމުން ދިޔަ ބޭސްތައް ބަދަލު ކޮށްފައެވެ. އަދި އިންޑިއާ އިން ފަރުވާ ހޯދި އިރު އޭނާއަށް ދެމުން ދިޔަ ސްޓެރޮއިޑްތައް ހުއްޓާލަން އެ ހޮސްޕިޓަލުން ބޭނުން ވާ ކަމަށް ބުނެ މީހާރު އެ ބޭހުގެ ޑޯޒް ދަށް ކުރަމުން ދާ ކަމަށް ޔާސިރު ބުނެއެވެ. އިންޑިއާއިން ދިން ބޭސް ބޭނުން ކުރަމުން އަންނަ އިރު އިރަމްގެ މޫނާއި ގައި ވަނީ ވަރަށް ބޮޑަށް ފޮއްސިވެ މީހާ ދުޅަވެފައެވެ. އެއީ އިންޑިއާއިން ދިން ސްޓެރޮއިޑްގެ ސަބަބުން ވާ ކަމެއް ކަމަށާއި އަދި އެ ބޭސް ހުއްޓާލުމަކީ މި ވަގުތު ފަރުވާއަށް އޮތް ރަނގަޅު ހައްލެއް ކަމަށް ޑޮކްޓަރުން ލަފާ ދީފައި ވެއެވެ.

އިރަމް ދެއްކި ބުމްރަންގަރެޑް ހޮސްޕިޓަލުން، ފަރު8ވާ ހޯދަން އިތުރު ހޮސްޕިޓަލްތައް ބެލުމަށް އަންގާ ދީފައިވާ ލިޔުން
"އިރަމްގެ ހާލު އިތުރަށް ރަނގަޅު ކުރުމަށް ބޭސްތައް ވެސް ބަދަލު ކުރި، މިހާރު ވަރަށް އަގު ބޮޑު ބޭސްތަކެއް ދީފަ ހުރީ. އޭގެ އިތުރުން ދީފަ އެބަހުރި 540 އެމްއެލްގެ ނެބިއުލޭޒާއެއް. އޭތި އަދިވެސް އަޅުގަނޑުމެން މިއުޅެނީ ހޯދޭ ގޮތް ނުވެގެން. 30 އެމްއެލް ވިއްކަނީ 4228 ޑޮލަަރަށް. 30 އެމްއެލް މި އަގަށް ލިބޭ އިރު، 540 އެމްއެލް އަކީ ވަރަށް ބައިވަރު ލާރީގެ ވާހަކަ މި ދެކެވެނީ."
އިރަމްގެ ފިރިމީހާ ޔާސިރު

އެ ހޮސްޕިޓަލުން ހެދި ޓެސްޓުތަކަށް 180،000 ރުފިޔާ ހޭދަ ވެފައިވާ އިރު އިރަމްއަށް ދީފައިވާ ބޭސްތަކަކީ ވެސް އެހާމެ އަގު ބޮޑު ބޭސްތަކެއް ކަން ޔާސިރު ފާހަގަ ކުރިއެވެ. އޭގެތެރެއިން އެންމެ އަގު ބޮޑު އެއް ބޭސް ލިބެން ނެތުމުން އަދި ނުނަގާ އޮތް ކަމަށާއި އިރަމް އަށް ދިން ނެބިއުލައިޒާ ވެސް ވަރަށް އަގު ބޮޑު އެއްޗެއްގެ ގޮތުގައި ޔާސިރު ފާހަގަ ކުރިއެވެ. އެއީ 540 އެމްއެލްގެ ނެބިއުލައިޒާއެއް ކަމަށާއި އޭގެ 30 އެމްއެލް ލިބެނީ ވެސް 4228 ޑޮލަަރަށް ކަމަށް އޭނާ ބުނެއެވެ. އެ ނެބިއުލައިޒާ އަދި ހޯދޭ ގޮތް ނުވާ ކަމަށް ޔާސިރު ބުނެއެވެ.

"ލަންގް ޓްރާންސްޕާންޓް" އަކާއި ހިތުގެ "ލައިގޭޝަން" އެއް ހަދަން ޖެހިފައިވާ، އިރަމްގެ އޮޕަރޭޝަން ޔޫއެސްގެ ހޮސްޕިޓަލަކާ ގުޅިގެން ކުރެވެން އޮތް ކަމަށާއި އެ އޮޕަރޭޝަން އަށް 6 ލައްކަ ޑޮލަރު ހަރަދުވާ ކަމަށް ޔާސިރު ބުނެއެވެ. އެމެރިކާގެ ދެ ހޮސްޕިޓަލަކުން އެ އޮޕަރޭޝަނަށް ހޭދަވާނެ މިންވަރު ބެލި ކަމަށް ޔާސިރު ބުނެއެވެ. އެގޮތުން އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ޔޫސީއެލް ހޮސްޕިޓަލުން އެ އޮޕަރޭޝަން ކުރެވޭނެ ކަމަށް ބުނެފައި ވަނީ 1.8 މިލިއަން ޑޮލަރަށް ކަމަށާއި އަދި އެމެރިކާގެ މިނަސޯޓާގައި ހުންނަ މާޔޯ ކްލިނިކް އިން އެ އޮޕަރޭޝަން ކުރެވޭނެ ކަމަށް ދީފައިވާ އަގަކީ 6 ލައްކަ ޑޮލަރު ކަމަށް ޔާސިރު ބުނެއެވެ.

ހިތުގެ ފަށަލައެއް މަދުވާތީ އޮކްސިޖަން އުފެއްދުމުގައި ފުއްޕާމެއަށް ބާރުބޮޑުވެ ފެއިލް ވަނީ!

"ކުރިން އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި ހިތުގައި އިނީ ހޯލްއެއް، އެހާ ބޮޑުވާނެ ކަމެއް ގޮތުގައެއް ނުވިސްނަން. ދުވަހަކު ވެސް މިހާތަނަށް އިރަމް ހޮސްޕިޓަލެއްގެ ތެރޭގައި ރޮއެފައެއް ނޯންނާނެ. އެކަމަކު އެ ދުވަހު ޑޮކްޓަރު އެހެން ބުނި ވަގުތު އެ ގަޑީގައި ވަރަށް ބޮޑަށް އަސަރު ކުރި. އަޑުން އަޑު ނަގާ ރޮވުނު."
އާމިނަތު އިރަމް

ރާއްޖެއިންނާއި އަވައްޓެރި އިންޑިއާއިން އެ ބައްޔަށް ފަރުވާ ހޯދުމަށް އިރަމް ވަނީ އެތައް ޓެސްޓްތަކެއް ހަދާފައެވެ. ދެ ގައުމުން ވެސް ބުނަމުން ދިޔައީ ހިތުގައި ލޯވަޅެއް ހުރި ކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އުފެއްދުމަށް ފުއްޕާމެއަށް ބާރު ބޮޑުވުމުގެ ސަބަބުން އެ ގުނަވަން ފެއިލް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި ވާހަކަތައް އިތުރަށް ތަފްސީލް ކޮށް ދެމުން ޔާސިރު ބުނީ، ދުބާއީއަށް ގޮސް ހެދި ޓެސްޓުތަކަށް ފަހު އެނގިގެން ދިޔައީ ހިތުގައި ހުރީ ލޯވަޅެއް ނޫން ކަމަށާއި ހިތުގައި ޕަލްމަނަރީ އާޓްރީއާއި އަޔޯޓާއާ ދެމެދު ގައި އޮންނަން ޖެހޭ ފަށަލައެއް ނެތުމުން އެ ތަނުގައި 'އަޔޯޓޮޕަލްމަނަރީ ވިންޑޯ" އެއް ހުރި ކަމަށެވެ. ކަން މިހެން ދިމާވުމުން އާންމު މީހެއްގެ ހަށިގަނޑުގައި އުފެދޭ ޑީއޮކްސިޖިނޭޓެޑް ލޭ އޮކްސިޖިނޭޓަޑް ލެއަށް ބަދަލު ކޮށްދިން ކަމުގައި ވިޔަސް އިރަމްގެ ހަށިގަނޑުގައި ޑީއޮކްސިޖިނޭޓެޑް ލޭ އޮކްސިޖިނޭޓަޑް ލޭ އަންނަނީ އެކުވަމުން ކަމަށް ޔާސިރު ބުނެއެވެ.

ހޮތުގެ އަރޯޓާއާއި ޕަލްމަނަރީ ޢާތްރީއާ ދެމެދުގައި ފަށަލަ ނެތް ތަނުގެ ކުރެހުމެއް

އެހެންކަމުން އިރަމްގެ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން އުފެއްދުމަށް އޭނާގެ ފުއްޕާމެއަށް ވަނީ ޕްރެޝަރު ބޮޑުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޔާސިރު ބުނެއެވެ. މިހާރު އިރަމްގެ ފުއްޕާމޭގެ ހާލަތަށް ބަލާއިރު، އެއް ފަޅީގެ 90 ޕަސެންޓް ވަނީ ފެއިލް ވެފައި ކަމަށާއި އަނެއް ފަޅި ވެސް ފެއިލް ވަމުން އަންނަ ކަމަށް އޭނާ ބުނެއެވެ. މި ކަން ރަނގަޅު ކުރުމަށް ހިތުގެ ލައިގޭޝަންއެއް ހެދުމަށް ފަހު ފުއްޕާމޭ ބަދަލު ކުރަން ޖެހޭ ކަމަށް ޔާސިރު ބުނެއެވެ.

ފައިސާގެ އެހީ ހަމަޖެހޭތޯ ރައީސް އޮފީހާ ވެސް މަޝްވަރާ ކޮށްފި

ދުބާއީގައި ދެމަހެއް ހާ ދުވަސް ހޭދަ ކޮށްފައި އެ ދެމަފިރިން ރާއްޖެއަށް އައީ އަގު ބޮޑެތި އެތައް ޓެސްޓުތަކެއް ހެދުމަށް ފަހުއެވެ. އެއަށް ފަހު އެމީހުން ވަނީ އެ ދަތުރުގެ ހަރަދުތަކުގެ ތަފްސީލްތައް އެންސްޕާއާ ހިއްސާ ކޮށްފައެވެ. ސަރުކާރުން މި ކަމަށް އެހީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ހިއްސާކުރަމުން ޔާސިރު ބުނީ، ރައީސް އޮފީހާއެކު މަޝްވަރާ ކޮށްގެން އިރަމްއަށް އެހީއެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން ސަރުކާރުގެ ފަރާތުން އެހީގެ ގޮތުގައި އަނބުރާ ސަރުކާރަށް ދައްކާ ގޮތަށް އޮޕަރޭޝަނަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖައްސައިދީ އިރަމްގެ ފަރުވާ އަވަސްކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ޔާސިރު ބުނެއެވެ. އަދި އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް އެކަންކަން ހަމަޖެހިގެން ދިއުން ކަމަށް ޔާސިރު ބުނެއެވެ.

ބީޖީއެސް ގްލޯބަލް ހޮސްޕިތަލުން ހިތާއި ފުއްޕާމޭ ބަދަލު ކުރަންޖެހޭ ކަމަށް ބުނެ ދީފައިވާ ލިޔުން

މީގެ އިތުރުން މީގެ ކުރިންވެސް އިރަމްގެ ފަރުވާއަށް އާސަންދަ ހަމަޖެހިގެން ދިއުމާއި އެންސްޕާއިން ދީފައިވާ އެހީތެރިކަން ފާހަގަ ކުރާ ކަމަށް ޔާސިރު ބުނެއެވެ. އެގޮތުން އެންމެ ފަހުން ދުބާއީއަށް ކުރި ދަތުރުގެ ޓިކެޓްގެ ހަރަދު އެންސްޕާއިން ވަނީ ދީފައި ކަމަށް ޔާސިރު ބުނެއެވެ.

ގިނައިން ހިނގަން ޖެހޭ ނަމަ ވީލް ޗެއާގައި ނޫނީ ނުދެވޭ!

މިއަދާ ހަމައަށް އައި އިރުވެސް އިރަމް އަށް މި ކަމުގެ ސަބަބުން އަންނަނީ ގިނަ އުނދަގޫތަކެއް ވަމުންނެވެ. ނޭވާ ކުރުވެ ގައިން ވަރު ދެރަވާތީ ހިނގާ ބިނގާވެ އުޅެން ވެސް އޭނާއަށް އުނދަގޫ ވެއެވެ. އަބަދު އޮކްސިޖަން ގުޅައިގެން އިރަމް އުޅޭ އިރު ސިޑިން އެރުމާއި ދުރަށް ހިނގުމަކީ އޭނާއަށް ކުރެވޭ ކަންކަމެއް ނޫނެވެ. އެހެންކަމުން ގިނަ ވަގުތު ހިނގަން ޖެހޭ ފަދަ ހާލަތްތަކުގައި އިރަމް ނުކުންނަނީ ވީލް ޗެއާއެއްގައި ކަމަށާއި އަދި ސިޑިން އަރަން ޖެހޭ ހާލަތްތަކުގައި އޭނާގެ ފިރިމީހާ، އިރަމް އުރާލައިގެން ސިޑިން އަރާ ކަމަށް އިރަމް ބުނެއެވެ.

އަބަދު އޮކްސިޖަން ބޭނުން ކުރަމުން އަންނަ އިރަމް ބޭނުން ވަނީ އާދައިގެ ދިރިއުޅުމަކަށް ބަދަލުވާށެވެ. ލޯބިވާ ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އޯގާތެރިކަން ފެނި އޭނާ ބޭނުން ވަނީ އެހެން މީހުންނެކޭ އެއްފަދައިން އޭނާގެ ފިރިމީހާއާ އެކު ލޯބިން ދިރިއުޅޭށެވެ.

ދުބާއީގައި ހުންނަ އެމެރިކަން ހޮސްޕިޓަލުގައި އިރަމްގެ ފުއްޕާމޭގެ ޓެސްޓެއް ހަދަނީ
"ފިރިމީހާގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ. މިހާރު މި ހުރީ ރަށުގައި އެކަމަކު ހުޅުމާލޭގައި އުޅުނު އިރު ތިން ވަނަ ބުރީގައި އުޅޭތީ ފިރިމީހާ އަޅުގަަނޑު އުރާލައިގެން އަރާނީ، ދެން މީހާރު ވީލް ޗެއާގައި ތަންތަނަށް ދާން ޖެހެނީވެސް. އެހެންވީމަ މީހަކު އަބަދުވެސް ކައިރިގައި ހުންނަން ޖެހޭ، އަބަދުވެސް ފިރިމީހާ ހުންނާނެ ކައިރީގައި، ވަރަށް ސަޕޯޓިވް އަސްލު"
އާމިނަތު އިރަމް

މިހާ ގިނަ ފައިސާއެއް ހޭދަވާއިރު ޔޫއެސްއަށް ދިއުމުގެ ޓިކެޓާއި ހުރުމަކީ ވެސް ބޮޑު ހަރަދެއް ދާނެ ކަމެކެވެ. މި ކަމުގައި އެހީއެއް ހޯދުމަށް ސަރުކާރާ މަޝްވަރާ ކުރަމުންދާ އިރު، މިހާރުވެސް ފުއްޕާމޭގެ ބޮޑު ޕަސެންޓެއް ފެއިލް ވެފައިވާ އިރަމްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބިފައިވާ މި ހަނި ފުރުސަތުގެ ބޭނުން ހިފެން އޮތީ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. މިވަގުތު ހެޔޮ ދުއާ އާއި އެހީއަށް އެ އާއިލާ ވަނީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ. ގެއްލިގެން ދާ ކޮންމެ ވަގުތަކީ ވެސް މިހާރު އިރަމް އާއި ޔާސިރުގެ އުންމީދުތައް ފުނޑު ފުނޑުވާނެ ކަމެއް ކަން ޔަގީނެވެ.

އެ ދެމަފިރިން އުންމީދު ކަނޑާލާކަށް ބޭނުމެއް ނޫނެވެ. މުޅި ދުނިޔޭގައި އަތް ފުނާ އަޅަން ޖެހުނު ކަމުގައި ވިޔަސް ޔާސިރު ހުރީ އޭނާގެ ލޯބިވާ އަނބިމީހާ އަށް ފަރުވާއެއް ހޯދުމުގެ އަޒުމްގައި ވަރަށް ސާބިތު ކަމާ އެކުގައެވެ. އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތެއް އޮންނާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. ކިތަންމެ މާޔޫސް ވިޔަސް ދިރިއުޅުމުގައި އިރަމް އަށް ކުރިމަތިލާން ޖެހިފައިވާ މި އިމްތިހާނުގައި އޭނާގެ އަނބި މީހާގެ އަތުގައި ހިފައިގެން އުމުރަށް ވެސް ހުންނަން ޔާސިރު ވަނީ ވައުދުވެފައެވެ.

އިރަމް އާއި އޭނާގެ ފިރިމީހާ

އިރަމްގެ މި ބައްޔަށް ފަރުވާ ހޯދުމަށް 4 އަހަރު މަސައްކަތް ކޮށްފައި ވާއިރު، މިހާ ހިސާބަށް އައުމުގައި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން އާއިލާއިން ފާހަގަކޮށް ޝުކުރު އަދާ ކުރެއެވެ. އަދި އެ އާއިލާއަކީ 'މާ ލިބިގެން އުޅޭ އާއިލާއެއް ނޫން' ކަމަށް ވާތީ މާލީގޮތުން އަދިވެސް އެ އާއިލާ ވަނީ އެހީތެރިކަން ބޭނުން ވެފައެވެ. އިރަމް އަށް އެހީވާން ބޭނުންވާ ފަރާތްތަކުން އިރަމްގެ ފިރިމީހާ، ޔާސިރު އަހުމަދު 7795796 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

  • އެކަންޓުން ނަން: އައިމިނަތު އިރަމް އަހްމަދު
    • އެކައުންޓް ނަމްބަރ (ރުފިޔާ): 7730000142133
    • އެކައުންޓް ނަމްބަރ (ޑޮލަރު): 7730000256391

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ އާމިނަތު އިރަމްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.