ގއ. ވިލިނގިލިން ބަލި މީހަކު މާލެއަށް ގެނައުމަށް 34 ގަޑިއިރު ހޭދަވެފައި ވާތީ، ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ މައްސަލަ ބަލާ ފިޔަވަޅުއެޅުމަށް ސަރުކާރަށް ގޮވާލައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ސައީދު ހުށަހެޅުއްވި މައްސަލައަކީ، މި މަހުގެ 12 ވަނަ ދުވަހު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކަށް ފަރުވާދީ އޭނާ އިތުރު ފަރުވާއަށް މާލެއަށް ގެނައުމުގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބެލެވޭ ކަންތައްތައްތަކެއް ހިނގާފައިވާ ކަމަށް އާއިލާއިން ބުނާ މައްސަަލައެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެ ގޮތުން ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް މޭގައި ރިއްސާތީ ކަމަށާއި ނަމަވެސް ޑޮކްޓަރު ބަލާފައި ފުރތަމަ ބުނީ އެއީ ގޭސްޓްރިކްގެ މައްސަލައެއް ކަމަށެވެ.

ނަމަވެސް އޭނާގެ ހާލު ސީރިއަސް ވަމުން ދިއުމާއެކު އާއިލާއިން ތަކުރާރުކޮށް އެދިގެން އެހެން ޑޮކްޓަރަކު ގެނެސްގެން ދެ ގަޑިއިރު ފަހުން އީސީޖީ ހެދި ކަމަށާއި، އަދި އީސީޖީގައި މައްސަލައެއް ހުރި ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ސައީދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ. އެކަމުގެ ތަފްސީލް ނޭނގޭތީ އާއި ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ވަގުތުން މާލެއަށް ފޮނުވައި ދިނުމަށް އާއިލާއިން އެދުމުން ޑޮކްޓަރުންގެ ލިޔުން ލިބިފައި ވަނީ ބަލިމީހާ ގެންދިޔަތާ 9 ގަޑިއިރު ފަހުން ކަމަށް އެ މައްސަލައިގައި ބުނެއެވެ.

ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި މިމައްސަލަ އިތުރަށް ތަފްސީލް ކޮށްދީ ބުނެފައި ވަނީ، އާސަންދަ ހަމަޖެހި ފުރޭ ގޮތްވީ މި މަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސި 7:45 ގައި ކަމަށެވެ. ނަމަވެސް ބަލިމީހާ ގެންދިޔަ ފްލައިޓަކީ ޓްރާންސިޓް ފްލައިޓަކަށް ވުމުން ކޫއްޑޫއިން ފުރައިގެން ފުރަތަމަ ފްލައިޓް ދިޔައީ އައްޑޫ ސިޓީގެ ގަމަށް ކަމަށާއި، ގަމުގައި 45 ވަރަކަށް މިނެޓް މަޑު ކުރުމަށް ފަހު ފްލައިޓް މާލެ އައިސް އެ ބަލިމީހާ ހޮސްޕިޓަލަށް ގެންދެވުނީ އެރޭ 12:30 ގެ ފަހުން ކަމަށް ބުނެއެވެ. އެއީ ބަލިމީހާ ވިލިގިނލި ހޮސްޕިޓަލަށް ގެންދިޔަތާ 34 ގަޑިއިރު ފަހުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ބަލިމީހާއަށް ކުރިމަތިވީ ކޮންކަމެއްކަން ވިލިގިނލީ ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންނަށް ބުނެ ނުދެވި އައިޖީއެމްއެޗްއާ ހަމައަށް އާދެވުނު އިރު ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވި ކަމަށް އެ މައްސަލއިގައި ބުނެއެވެ. އެ ބަލިމީހާއަށް ކުރިމަތިވީ ހާޓް އެޓޭކެއް ކަމަށް ޑޮކްޓަރުން ކަނޑައަޅާ، ފަރުވާ ލަސްވުމުގެ ސަބަބުން ބަލިމީހާ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައި ވާތީ މިފަދަ ކްރިޓިކަލް ހާލަތުގައި ތިބޭ ބަލިމީހުންނަށް އަވަހަށް އެންމެ ރަނގަޅު ފަރުވާ ދެވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. އާސަންދަ ހަމަޖެއްސުމުގައި ރަށު ކައުންސިލާއި ދާއިރާގެ މެންބަރާއި ވެރިކަން ކުރާ ޕާޓީން ދާއިރާއަށް ކަނޑައަޅާފައި ހުންނަ ރައީސްގެ އެޕްރޫވަލް ހޯދަން ޖެހުމަކީ ގާނޫނުއަސާސީން ލިބިދޭ ހަމަހަމަކަމުގެ ހައްގު ގެއްލޭ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިފަދަ އިހުމާލުވުމުގެ ހާދިސާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވެ ފުރާނައަށް ނުރައްކާވާ ހާލަތް މެދުވެރިވަމުން ދާތީ، ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ބަލިމީހާއަށް ފަރުވާ ދިނުމުގައި ލަސްވުމާއި އިހުމާލުވެފައިވާ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުވާފަދަ ގޮތަކަށް ނިޒާމު ހަރުދަނާކޮށް ބައްޓަންކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.