ވޯލްޑް ހާޓް ފެޑަރޭޝަނުން ބުނާ ގޮތުގައި ކާޑިއޯވަސްކިއުލާ ޑިޒީޒަސް (ސީވީޑީ) ނުވަތަ ހިތުގެ ބަލިތަކަކީ ދުނިޔޭގެ 1 ނަމްބަރު ގާތިލެވެ. ސްޓްރޯކްވެސް ހިމެނޭހެން، ހިތުގެ ބަލިތަކުގައި އަހަރަކު، 18.6 މިލިއަން މީހުންގެ ފުރާނަ ގެއްލި ދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހިތުގެ ބަލިތަކަށް މަގުފަހި ކުރާ އެތައް ސަބަބެއްވެއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން، ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމުގެ ޝިކާރައަކަށްވުން، އާދަޔާ ހިލާފަށް ފަލަވުން (އޮބީސިޓީ) އަދި ވައި ތަޣައްޔަރުވުމާ، މާ އާންމު ނޫން ކާޑިއެކް އެމީލޮއިޑޯސީސް ފަދަ ހާލަތްތައް މެދުވެރިވުން ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހިތުގެ ބަލިތައް ތަހައްމަލު ކުރަމުން ދާ 520 މިލިއަނެއްހާ މީހުން ތިބި އިރު، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވެފައި ވަނީ، މި ޕޭޝަންޓުންގެ ހިތްތައް އިތުރަށް ދަތި ކުރުވި ކަމަކަށެވެ. ހިތުގެ ބަލީގެ ޕޭޝަންޓުންނަށް، ކޮވިޑް ޖެހުމުން ބަލީގެ ނުރައްކާ އިތުރަށް ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. ކޮވިޑް ވައިރަހުގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން، ގަވައިދުން ހޯދަން ޖެހޭ ސިއްހީ ފަރުވާއަށް ހުރަސް އެޅި، މެދުކެނޑުނު މަންޒަރުވެސް ވަނީ ފެނިފައެވެ. އެތައް ބަޔަކު ވަނީ، އާއިލާއާއި ރަހުމަތްތެރިންނާ ބައްދަލު ނުވެވި، އެކަހެރި ކަމެއްގެ ތެރޭގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ "ޔޫޒް އަ ހާޓް ޓު ކަނެކްޓް" މި ޝިއާރެވެ. މި ޝިއާރުގެ މަގުސަދަކީ، ތަފާތު އަދި ބިނާކުރަނިވި ގޮތްތަކެއްގެ ތެރެއިން، ހިތުގެ ސިއްހަތަށް މީހުން އަހުލުވެރި ކުރުވުމެވެ. ވަކިން ހާއްސަކޮށް، ވަސީލަތްތައް މަދު އާބާދުތަކުގައި، އެމީހަކަށް ލިބިފައި ވާ މައުލޫމާތަކާ، ހަމްދަރުދީއާ ނުފޫޒާއި ބާރު ބޭނުން ކޮށްގެން، މުޖުތަމައުގެ ފަރުދުންނަކީ ހިތުގެ ދުޅަހެޔޮ ސިއްހަތަށް އަހުލުވެރި، ސިއްހަތު ރަނގަޅު ބަޔަކަށް ހެދުމެވެ. އަދި އަމިއްލަ ހިތާއި ނަފުސާ އޮންނަ ގުޅުން ބަދަހިކުރުމެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ހިތުގެ ބަލިތަކަށް ހާއްސަ ދުވަހެއް ތައާރަފު ކުރީ 1999 ވަނަ އަހަރު، ވޯލްޑް ހެލްތު ފެޑަރޭޝަންއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެންނެވެ. ހިތުގެ ބަލިތަކަށް ހާއްސަ ދުވަހެއްގެ ގޮތުގައި އޭރު ފާހަގަ ކުރަމުން އައީ ސެޕްޓެމްބަރު މަހުގެ އާދީއްތަ ދުވަހެވެ. ނަމަވެސް މި ބަލިތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަގުވާމީ އަސަރު ގަދަ ކުރުމަށްޓަކާ، ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ހަމަޖެއްސިއެވެ.