ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ހިރާސްތަކަށް ދިވެހީން ހުށަހެޅިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި އާންމުކުރި ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުން:
- ހިތުގެ ބަލި ޖެހިގެން އެވަރެޖްކޮށް 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހިތުގެ ފެޑެރޭޝަނުން ލަފާކުރޭ
- މައިގަނޑު ސަބަބަކީ ކޮރޯނަރީ ހާޓް ޑިސީޒް، ނުވަތަ ސްޓްރޯކް
އެ ރިޕޯޓުގައިވާ ގޮތުން، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށްޓަކައި 2020 އިން 2021 އަށް ރާއްޖޭގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ރާއްޖޭގައިި އުމުރުން 15 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 4.7 ޕަސެންޓު މީހުންނަށް ހިތުގެ ބައްޔާއި ސްޓްރޯކާއި އެންޒީނާ ފަދަ ބަލިތައް ޖެހި، އޭގެ ތެރެއިން 27.7 ޕަސެންޓު މީހުން ދިގު މުއްދަތަކަށް އެ ބަލިތަކަށް ބޭސްކުރަމުން ދެއެވެ.
މި ދިރާސާގެ ބައިވެރިންގެ މެެދުގައި ނެގި ރިސްކް އެސެސްމެންޓުން ދައްކާ ގޮތުގައި:
- 40 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް (ތިން ޕަސެންޓު ފިރިހެނުންނާއި 1.4 ޕަސެންޓު އަންހެނުން) 10 އަހަރުތެރޭ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު
- 7.7 ޕަސެންޓު މީހުންނަށް (7.5 ޕަސެންޓު ފިރިހެނުންނާއި 7.9 ޕަސެންޓު އަންހެނުން) ހިތުގެ ބަލި ޖެހުމުގެ 10 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ފުރުސަތެއް އެބައޮތް
- ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް 61.8 ޕަސެންޓު މީހުންނަށް (50.4 ޕަސެންޓު ފިރިހެނުންނާއި 82.7 ޕަސެންޓު އަންހެނުން) ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގް ތެރަޕީ އާއި ކައުންސެލިން ބޭނުންވޭ
އެޗްޕީއޭއިން ވަނީ، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ގަދައަޅާ މަސައްކަތްކުރުމަށާއި، ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ކަންކަމަށް ސަމާލުކަންދީ، ހިތުގެ ބަލިތަކުން ދުރުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކޮށްފައެވެ.
ހިތުގެ ބަލިތަކުން ދުރުވުމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތައް:
- ކެއުމުގެ މުހިންމު ބައިތައް ހިމަނައި، ސަރުބީ އާއި ކޮލެސްޓްރޯލް އެކުލެވޭ ބާވަތްތައް މަދުކުރުން
- ލޭގެ ޕްރެޝަރު ދަށްކުރުމަށްޓަކައި ހަކުރާއި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން
- ގަވައިދުން ކަސްރަތުކުރުން، އެގޮތުން ހަފްތާއަކު 150 މިނެޓު ހިނގާލައި، ފެތުން ފަދަ ކަންކަން ކުރުން
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕްކުރުމާ ދުރުވުން
- ބަރުދަން ހުންނަވަރު ގަވައިދުން ބަލައި، ހެޔޮވަރު ބަރުދަނެއްގައި ހިފެހެއްޓުން
- ނަފްސާނީ ސިއްހަތާ މެދު ސަމާލުވުން
- ގަވައިދުން ޑޮކްޓަރަށް ދައްކައި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލްގެ ލެވެލް ދެނެގަތުން