ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ނުވާ މީހެއްގެ ހާޓް ޓްރާންސްޕްލާންޓް އޮޕަރޭޝަން ނުވަތަ ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނަށް، އެމެރިކާގެ ހިސްޕިޓަލަކުން އިންކާރު ކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ޑީޖޭ ފާގަސަންގެ ބައްޕަ ޑޭވިޑް ބުނީ، އޭނާގެ ދަރިފުޅު ވަނީ ހިތަކަށް، އިންތިހާއަށް ބޭނުން ވެފައި ކަމަށާ، ނަމަވެސް، ބޮސްޓަންގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން، ހާޓް ޓްރާންސްޕްލާންޓް ލިސްޓުން އޭނާގެ ދަރިފުޅުގެ ނަން ނަގާފައި ވާ ކަމަށެވެ.

ޑޭވިޑް ބުނީ، ކޮވިޑް ވެކްސިނަކީ އޭނާގެ ދަރިފުޅުގެ އަސާސީ ގަބޫލު ކުރުންތަކާ ހިލާފު ކަމެއް ކަމަށާ، އޭނާ އަކީ ވެކްސިން ގަބޫލު ކުރާ ޒުވާނެއް ނޫން ކަމަށެވެ.

ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުން އަމަލު ކުރީ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.

ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ބުނީ، ގުނަވަންތައް ލިބުމުގައި ދަތިކަން ކުރިމަތިވެފައި ވާ އިރު، ލިބެން ހުރި ގުނަވަންތައް ދެވޭ ޕޭޝަންޓުންނަކީ ދިރިހުރުމުގެ ފުރުސަތު އެންމެ ބޮޑު ޕޭޝަންޓުންކަން ކަށަވަރު ކުރާ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހުމާއި، ދިރިއުޅުމުގެ އާދަތަކަށް އެ ހިސްޕިޓަލުން ބަލާ ކަމަށް، ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ހޮސްޕިޓަލުގެ ބަސްމަގު މިފަދަ ގޮތަކަށް ހުރި އިރު، ޑީޖޭ ފާގަސަން، ޓްރާންސްޕްލާންޓް ލިސްޓުން ނެގި ހަމައެކަނި ސަބަބަކީ، ވެކްސިން ޖަހާފައި ނުވުން ކަމާ މެދު ސުވާލު އުފެދެއެވެ.

ގުނަވަން ބަދަލު ކުރުމަށް އެދި ވެއިޓް ލިސްޓުގައި ލައްކައެއްހާ މީހުން ތިބިއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައިވެސް އެ ނަސީބު ލިބޭނެ ބައެއް ނޫން ކަމަށް ވެސް ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޑީޖޭ ފާގަސަންއަކީ 2 ކުދިންގެ ބައްޕައެކެވެ. އަދި 3 ވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދެއެވެ. އަދި އެހެން ހޮސްޕިޓަލަކަށް އޭނާ ބަދަލު ކުރެވޭ ވަރަށް ވުރެ ހާލު ދެރަ ކަމަށްވެސް ޑީޖޭ ފާގަސަންގެ އާއިލާއިން ބުނެއެވެ.

އެމެރިކާއަކީ ކޮވިޑް ވެކްސިން ރޭހުގައި ކާމިޔާބީ ލަސް ގައުމެކެވެ. އާބާދީގެ ނިސްބަތުން 2 ޑޯޒް ފުރިހަމަ ކޮށްފައި ވަނީ އެންމެ 63 ޕަސެންޓް މީހުން ކަމުގައި ވާ އިރު، ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 40 ޕަސެންޓް މީހުންނެވެ.