ކޮންމެ މީހަކީ ވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާނެ މީހުންނެވެ. އެއް ބަޔަކަށް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ލޫޅާފަތި ވުމަށް ކަސްރަތުކޮށް ޑައިޓްކޮށް ހަދާއިރު އަނެއް ބަޔަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނައިން ކައިގެން ފަލަވާން މަސައްކަތް ކުރާ މީހުންނެވެ. ދިވެހިންގެ ތެރޭގައި ވެސް ފަލަ މީހުންނަށް އާންމުކޮށް ބަސްބުނެ ގަނާކޮށް ހަދައެވެ. ހަމައެއާއެކު މާ ބޮޑަށް ހިކިކޮށް ހުރެއްޖެ ނަމަ ވެސް ގަނާގެ ޝިކާރައަަކަށް ވެފައި ތިބި މީހުން އުޅޭ ކަމަކީ ހިތާމަ ކުރަންޖެހޭ މައްސަލަތަކެވެ.

ދާދި ފަހުން ފޭސްބުކްގައި އާންމު ވެފައި ވާ ވީޑިއޯއަކަށް ގިނަ ބައެއްގެ ލޯތައް ހުއްޓިފައިވާ އިރު އެ ވީޑިއޯއިން ފެންނަނީ ކާން އުނދަގޫ ވެގެން ނުކެވި އޯކާ ދެމެމުން ދިޔަ ދިވެހި އަންހެނެކެވެ.

މިއީ އުމުރުން 23 އަހަރުގެ ޝަފުއާ އާދަމް ސަލީމްގެ ވާހަކައެވެ. އިސްކޮޅުން 5 ފޫޓު އަދި ބަރުދަނުގައި މިހާރު 38 ކިލޯ ހުންނަ ޝަފުއާ އަކީ ކާ އިރު ތަކުލީފް ތަކެއް ތަހައްމަލު ކުރަމުން ދާ ޒުވާނެކެވެ. ހިކިކޮށް ހުންނަން އޭނާ ބޭނުން ނުވި ނަމަވެސް އިސްކޮޅަށް ވުރެ ބަރުދަން ލުއި ވާތީ މީހާގެ ސިފަ ގެއްލިފައި ވާ ކަމަށް ބުނެ ގަނާ ކުރުމާ ކުރިމަތި ލި ހިތްވަރުގަދަ އަންހެނެކެވެ.

އުމުރުން 23 އަހަރުގެ ޝަފުއާ އާދަމް ސަލީމް

'ދަ ޕްރެސް' އަށް އޭނާގެ ވާހަކަތައް ހިއްސާ ކުރަމުން ބުނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު ނުކެވޭތީ ގިނަ ޑޮކްޓަރުންނަށް ދައްކައިގެން ބޭސް ކުރި ކަމަށެވެ. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުން ކުރަން ފެށީ ބަރުދަން ލުއިވެ ކާ އިރު ތަކުލީފް ތަކެއް ހުރުމުން ކަމަށް އޭނާ ބުނެއެވެ. އެއްވެސް އިތުރު މައްސަލައެއް ހުރި ކަމަކަށް ޑޮކްޓަރުން ނުބުނެއެވެ. ބޭސް ބޭނުން ކުރުމުން ކެވޭ ކަމަށާއި، ބޭސް ހުއްޓާލުމުން އަނބުރާ ކުރިއެކޭ އެއްގޮތަށް އޭނާގެ ދިރިއުޅުން ބަދަލުވެ ބަރުދަން ލުއިވާ ކަމަށް ޝަފުއާ ބުނެއެވެ.

މިކަން ފެށިގެން އައީ މިގެ 8 އަހަރު ކުރިންނެވެ. އުމުރުން 16 އަހަރަށް ވުރެ ކުރިން އޭނާއަކީ ހަށިގަނޑު ހެސަކޮށް (ވަރުގަދަކޮށް) ހުންނަ ކުއްޖެއް ކަމަށް ޝަފުއާ ކިޔައިދެއެވެ. ނަމަވެސް މިހާރު އޭނާ ހިކިކަމުން އާއިލާ އާއި ގާތް ރައްޓެހިން ފާޑުފާޑުގެ މަޖާ ނަންނަމުން ގޮވާ ކަމަށާއި އެ ނަންނަމުން ގޮވިޔަސް އެއީ މާ ބޮޑު ކަމެއް ކަމަށް ނުހަދާ ހުއްޓަސް އެކަމުން އޭނާއަށް ފުން އަސަރުތަކެއް ކުރާކަމަށް އޭނާ ބުނެއެވެ.

"ބައެއް މީހުން ބުނޭ އަހަރެން ގައިގައި އިންސާނެއްގެ ސިފައެއް ނެތޭ. ހިކިކަމުން ހީވަނީ މަދިރިއެއް ހެންނޭ، ދުންދަނޑިއޭ މިހެން ކިޔާ ހަކުރު ބޮނީހޭ ވެސް އަހާ. ހަމަ ކާށޭ ދެން ބުނާނީ. ކެއިމަ ކެވޭނެ ނޫން ހޭ. ކާން ނޫޅޭނިއްޔޭ. ވަރަށް އުނދަގޫވޭ އެކަހަލަ އެއްޗެހި ބުނާތީ. ކުރިން އެއްޗެއް ނުބުންޏަސް މިހާރު އެކަހަލަ ކޮމެންޓް ކުރީމަ ބުނަން އެކަހަލަ އެއްޗެހި ނުކިޔާށޭ. ހިކިކަމުން އެކަހަލަ ކޮމެންޓް ކުރާތީ އެހެންވެ ލައި އުޅެނީ ވެސް ގަޔަށް ދޫކޮށް ހުންނަ ހެދުން."
ޝަފުއާ

ފުރަތަމަ އެފަދަ ނަންނަމުން ގޮވި އިރު އެއީ "ބުލީ ކުރުން" ކަމަށް އޭނާ ނުދެކޭ ކަމަށާއި އެމީހުންގެ ސަމާސާ ބަސްތަކަށް ހިނިތުން ވުމުގެ މޫނެއް ދައްކާލައިގެން ހިމޭނުން ހުންނަނީ ކަމަށް ޝަފުއާ ބުނެއެވެ. ނަމަވެސް ފަހުން އޭނާއަށް ކުރިމަތި ވީ އެއަށް ވުރެ ހިތްދަތި ބަސްތަކެކެވެ. "ހަކުރު ބޯ މީހެއް" ކަމަށް އޭނާގެ ގާތް ބައެއް މިހުން ލޭބަލް ކުރަން ފެށުމުން ހިތުގައި ޖެހުނު ކަމަށް އޭނާ ބުނެއެވެ.

ހިތުގައި ޖެހުނަސް އެކަން ހާމަނުކޮށް އުޅެނީ ކަމަށާއި ކާން މަސައްކަތް ކޮށް ފަލަވޭތޯ ބޭސް ކުރަން ފެށުނު ސަބަބު އޭނާ ހާމަ ކުރިއެވެ. އެގޮތުން ގިނައިން ކާ ހިތް ނުވާ ދުވަސްތަކަކީ ކަންކަމާ ވިސްނާ ފިކުރު ކުރާ ފަދަ ދުވަސްތައް ކަން އޭނާ ފާހަގަ ކުރެއެވެ. ބައެއް ފަހަރު ތަންކޮޅެއް ގިނައިން ކެވުނަސް ގިނައީ މަދުން ކެވޭ ދުވަސްތައް ކަމަށް އޭނާ ބުނެއެވެ. ކޮންމެ ދުވަހަކު ވެސް ކައިބޮއި ހަދާ ވަގުތު ތަކަކީ ވަރަށް ހިތްދަތި ވަގުތު ތަކެއް ގޮތުގައި ސިފަކުރެއެވެ. ނުކާން އުޅެނީ ނޫން ކަމަށާއި ކައިގެން ފަލަވެ އެހެން މީހުންހެން ރީތިކޮށް ހަށިގަނޑު ބަހައްޓަން ބޭނުންވާ ކަަމަށް ބުނެއެވެ.

ޝަފުއާ އާދަމް ސަލީމް

ނުކެވިގެން އުޅުނު ދުވަސްތަކުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނީ އެގޮތަށް ތިން ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކެވިގެން އުޅުނު ކަމަށެވެ. އެ ތިން ދުވަހު އަރު ތެރެއިން އެތެރެއަށް ދިޔަ ހަމައެކަނި އެއްޗަކީ ކަޅު ސައެވެ. އަދި އެފަދަ ދުވަސްތަކުގައި ކާން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެތިކޮޅެއް ކެވޭ ފަހުން މަތިން އަރާ ކަމަށާއި ގިނަ ފަހަރު ކެއުމަށް ފަހު ހޮޑުލެވޭ ކަމަށް ޝަފުއާ ބުނެއެވެ. ކާން ވަކި މީރު އެއްޗެއް ނުހުންނަ ކަމަށާއި ކޮންމެ އެއްޗެއް ވެސް އޭނާއަށް ކެވިދާނެ ކަމަށް ބުނެއެވެ.

ޝަފުއާ އާދަމް ސަލީމް

އުމުރުން 23 އަހަރު ވީ އިރުވެސް އެ ތަކުލީފް ތަކުން އޭނާއަށް އަރައެއް ނުގަނެވުނެވެ. އެހެންވެ ބައެއް މީހުން "އޭނާއަށް އެހެރީ މީހަކު ފަންޑިތަ ނުވަތަ ސިހުރު ހަދާފަ" ކަަމަށް ބުނެ އުޅޭކަމަށް ޝަފުއާ ކިޔައިދިނެވެ. އެގޮތުން އެއް ފަހަރު ރުގްޔާ ކުރި ކަމަށާއި ނަތީޖާއަކީ އެސްފީނާ ޖެހިފައި ހުރި ކަމަށް ޝަފުއާ ބުނެއެވެ. މީހަކު ފަންޑިތަ ހެދީތޯ ބަލަން ފާލު ބަލާފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

"މިހާތަނަށް އައި އިރު ސިހުރު ފަންޑިތައިގެ ކަމެއް ހުރިތޯ އަދި ބަލާފައި ނުވާނެ. އެފަދަ ކަމެއް ކޮށްގެން އަހަރެންގެ ދިރިއުޅުން މީހަކު ބަރުބާދު ކުރަން މަސައްކަތް ކޮށްފަ އޮވެއްޖިއްޔާ ބުނެލަން ބޭނުމީ. ކޮންގްރެޖުލޭޝަންސްއޭ. ތިކަން ކާމިޔާބު ވެއްޖޭ."
ޝަފުއާ

ހިކި ވުމުން ގަނާކޮށްފާނެ ކަމަށާއި އެއީ ހަމައެކަނި ފަލަވެގެން ވާ ކަމެއް ނޫންކަމަށް ޝަފުއާ ބުނެއެވެ. އެހެން ކަމުން މިފަދަ އެތައް ކުދިންނެއް މި މުޖުތަމައުގައި އުޅޭނެ ކަމަށް ގަބޫލު ކުރެވޭތީ އެފަދަ ކުދިންގެ ހައްގުގައި އަޑު އުފުލަން ވެސް ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. މި ވާހަކަތައް ވެސް ހިއްސާކޮށް، ނުކެވިގެން އުޅޭ ވީޑިއޯ، ފޭސްބުކްގައި ޝެއާ ކުރީ ވެސް އެ ސަބަބާ ހުރެ ކަމަށް ޝަފުއާ ބުނެއެވެ.

މިހާރު އޭނާއަށް އެތައް ބައެއްގެ އެހީތެރިކަމާއި ލޯބި ލިބޭ ކަމަށާއި އާއިލާއާއި ރައްޓެހިންގެ ފަރާތުން ވެސް މިކަމުގައި އެއްބާރުލުން ލިބޭ ކަމަށް އޭނާ ބުނެއެވެ. މިފަދަ ކަންކަމަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެއް ކަމަށާއި ބުލީ ކުރުމަކީ "މަޖާ ކަމެއް" ނޫން ކަމަށް އޭނާ ބުނެއެވެ.

https://www.facebook.com/schaff.adam.saleem.0212/videos/1304687609884219/

ޝަފުއާ އަށް ނުކެވިގެން އުޅުނު ވީޑިއޯ، ފޭސްބުކްގައި ޕޯސްޓްކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 10:28 ގައެވެ. ލޮލުން ކަރުނަ ހިލިފައި ހުރެ އޭނާ ކާން މަސައްކަތް ކުރަމުން ދިޔަ ތަން ފެންނަ އެ ވީޑިއޯ ބެލި މީހުންގެ އަދަދު ވަނީ 15،900 ވުރެ މައްޗަށް ގޮސްފައެވެ. މިއަދާ ހަަމައަށް އައި އިރު 131 މީހަކު އެ ވީޑިއޯ ޝެއާކޮށްފައި ވާއިރު 811 މީހުން ވަނީ އެ ވީޑިއޯއަށް ލައިކް ދީފައެވެ. އަދި 73 ކޮމެންޓްވެސް ލިބިފައި ވެއެވެ.

ބުލީ ކުރުމަކީ މި މުޖުތަމައުގައި ވެސް ހިނގާ ވަރަށް ނުރަނގަޅު އަދި ނުރައްކާވެސް އާދައެކެވެ. ހިކިވިޔަސް، ފަލަވިޔަސް، ކަޅުވިޔަސް، ކުރުވިޔަސް ދިމާކުރަން މީހުން ބަސްބުނެ ހަދާ މަލާމާތް ކުރެއެވެ. އެފަދަ ބަސްތައް ބުނެ އުޅެނީ ބައެއް ފަހަރު މަޖަލަކަށް ހަދާފައި ކަމުގައި ވިޔަސް އެ ބަސްތައް ރައްދުވާ މީހާއަށް ކުރާނެ އަސަރާ މެދު ވިސްނާލާ ނަމަ އެފަދަ ބަސް ބަސް މީހުންނާ ދިމާލަށް ބުނަން ފަސް ޖެހޭނެއެވެ. މާތް ﷲ ކޮންމެ އިންސާނެއް ވެސް ހައްދާވަފައި ވާނީ އެންމެ ފުރިހަމައަށޭ ބުނާ އަޑު ތިބާއަށް ވެސް އިވެން ޖެހެއެވެ. މީހަކު ހުންނަ ސިފައަކުން އަނެއް މީހަކާ ދިމާއަށް ދެރަ ބަސް ބުނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.