އަންނަ އަހަރު އޮންނަ ހާއްސަ ދައްކާލުމެއްގައި، ޔޫޓިއުބާ ލޯގަން ޕޯލްއާ ދެކޮޅަށް ތަޅަން ނިކުންނާނެ ކަން، އެމެރިކާގެ ކުރީގެ މަޝްހޫރު ފައިވް-ވެއިޓް ބޮކްސިންގް ވޯލްޑް ޗެމްޕިއަން – ފްލޮއިޑް މޭވެދާ ހާމަކޮށްފިއެވެ.

އުމުރުން 43 އަހަރުގެ މޭވެދާ، އޭނާގެ ބޮކްސިންގް ކެރިއާ ނިންމާލީ 2017 ވަނަ އަހަރު، އެމްއެމްއޭގެ ތަރި ކޮނޯ މެކްގްރެގާއާ ދެކޮޅަށް ނިކުތް ތާރީހީ މެޗާއެކުގައެވެ.

މޭވެދާއާ ދެކޮޅަށް ނިކުންނަ، އުމުރުން އެންމެ 25 އަހަރުގެ ޕޯލް ބޮކްސިންގް މެޗަކަށް އެރީ އެންމެ ފަހަރަކުއެވެ. އެއީ ޔޫޓިއުބާ ކޭއެސްއައިއާ ދެކޮޅަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިކުތް ފަހަރުއެވެ. އެ މެޗުގައިވެސް ޕޯލް ވީ ބައްޔެވެ.

ޔޫޓިއުބްގެ ދުނިޔޭގައި 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އޮތް ޕޯލްއާ މޭވެދާއާ ދެމެދު ބަހުގެ ހޫނުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

ފައިވް-ވެއިޓް ބޮކްސިންގް ވޯލްޑް ޗެމްޕިއަން – ފްލޮއިޑް މޭވެދާ (ވ) އާއި ޔޫޓިއުބާ ލޯގަން ޕޯލްއާ ގެ ހާއްސަ މެޗުގެ ޕޯސްޓަރެއް / ފޮޓޯ: ޑްރާފްޓްކިންގްސް ނޭޝަން

2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ޕޯލްއާއި މޭވެދާގެ ހާއްސަ ތަޅާލުންގަނޑަކީ، ޕޭ-ޕާވިއު އުސޫލުން ކުރިއަށްދާ އަގު ބޮޑު މެޗަކަށް ވާނެއެވެ.

ރަސްމީ ކޮށް ބޮކްސިންގް ތެޅުން ހުއްޓާލި ފަހުން މޭވެދާ ވަނީ، ޖަޕާނުގެ ކިކްބޮކްސާ އާ ދެކޮޅަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިކުމެ، އެންމެ 140 ސިކުންތުން އޭނާ ބަލިކޮށްފައެވެ. ނަމަ މި މެޗު އަގު، 9 މިލިއަން ޑޮލަރަށް އެރި ކަމަށް ހަބަރު ލިބެއެވެ.