އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވެފައިވާތީ އޭނާގެ މައްޗަށް ހުކުމް އިއްވުމަށް މާދަމާ ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.
ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރާ ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 ގައެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވެފައި ވާއިރު ޒިޔަތު ވިދާޅުވީ އެމަގާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ.
އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާ އެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށް ލުން ކަމަށް ނިންމާފައިވާއިރު ޒިޔަތު ޝަރީއަތަށް އެއްބާރުލުން ދީ އިއުތިރާފު ވެފައި ވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ވަނީ ނިންމާފައެވެ.
ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.
ތިޔައީ ޔާމީން އަދި އަދީބު އާއި އޭނާގެ ލޯބިވެރިޔާ ފާތުމައާ ގުޅިގެން އެތައް ރައްޔިތުންގެ ޙައްގަށް އަރައި ގަތީމާ ލިބުނު ދެރައެއް ތައުބާ ވުމަށް ނަސޭހަތްތެރިވަން.