ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާގައި ކެލިފޯނިއާއިން ރަސްމީ ސިއްކަ ޖަހާ، 55 އިލެކްޓަރުން ކަނޑައެޅުމާއެކު، އެމެރިކާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރެއްވުމަށް ޑިމޮކްރަޓިކް ކެންޑިޑޭޓު ޖޯ ބައިޑަންއަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖުގެ އަޣުލަބިއްޔަތު ކަށަވަރުވެއްޖެއެވެ.

ކެލިފޯނިއާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެލެކްސް ޕެޑީލާގެ އިޒުނަޔާއެކު ބައިޑަންއަށް އިލެކްޓޯރަލް ކޮލެޖުގެ 279 ވޯޓު ކަށަވަރުވެއެވެ. އެމެރިކާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރުމަށް ބޭނުން ވަނީ އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން، މާސްކު އެޅުމަށް ބާރު އަޅުއްވާ / ފޮޓޯ: އޮޓާގޯ ޑެއިލީ ޓައިމްސް

ދުނިޔޭގެ އެހެން ޑިމޮކްރަސީތަކާ ތަފާތު އުސޫލަކުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަމަޖެހިފައި އޮންނަ ގޮތުން، މި މަރުހަލާތަކަށް މާ ބޮޑު ސަމާލުކަމެއް އޮންނަނީ ނުދެވިފައެވެ. ނަމަވެސް، ރައީސް ކަމުގެ ދެވަނަ ދައުރަކަށް ފައި ވިއްދަވައިގެން ހުންނެވި ޑޮނާލްޑް ޓްރަމްޕަށް، ނާކާމިޔާބީ ގަބޫލުކުރައްވަން ދަތިފުޅުވުމުގެ ސަބަބުން، އިންތިހާބާ ގުޅިފައިވާ ކޮންމެ މަރުހަލާއެއްގެ މުހިންމު ކަން މިހާރު ވަނީ އިހުނަށް ވުރެ ބޮޑުވެފައެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމު ބައިޑަންއަށް "ކަށަވަރު" ވިކަން ހާމަވިތާ އެތައް ހަފުތާއެއް ފާއިތުވީ ނަމަވެސް، މިކަމުގައި ރަސްމީ ސިއްކައެއް މި ޖެހުނީ އަދިކިރިއާއެވެ. އޯހައިއޯ ޔުނިވާސިޓީގެ ލޯ ޕްރޮފެސަރެއް ކަމަށްވާ އެޑްވަޑް ބީ ފޯލޭ ވިދާޅުވާ ގޮތުގައި، ވައިޓްހައުސް ވަޑައިގަތުމުގެ ފުރަތަމަ ފިޔަވަޅުތައް އަދި މި ފެށުނީއެވެ.

އެމެރިކާގެ ރައީސް އިންތިހާބު ކުރުމަށް ކެލިފޯނިއާއިން ކަނޑައެޅި 55 އިލެކްޓަރުންނާއި އެހެން ސްޓޭޓްތަކުން ހޮވި އިލެކްޓަރުން ބައްދަލު ކުރާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ވަކިވަކި ގާނޫނުތައް ހަމަޖެހިފައި ވާ ގޮތުން، އާންމު ރައްޔިތުން ނިކުމެގެން ދިން ޕޮޕިއުލާ ވޯޓާ އެއްގޮތަށް ވޯޓު ދިނުމަށް އިލެކްޓަރުންނަށް މަޖުބޫރުވާނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ކުރިއަށް ދާ މަރުކަޒެއް / ފޮޓޯ: މާވެން ލެގަސީ

އިލެކްޓަރުން ދޭ ވޯޓު، ސެނެޓާ ހިސާބަށް ގޮސް ސެނެޓުން ފާސް ކުރާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އިލެކްޓޯރަލް ކޮލެޖުގެ ނިންމުމަށް ހުރަސް އެޅުމުގެ ފުރުސަތު ސެނެޓަށް އޮތް ނަމަވެސް، ރައީސް ކަމުގެ މަގާމަށް ބައިޑަން ވަޑައިގަތުމަށް ހުރަސް އެޅުމަށް އޮތީ ހަނި ފުރުސަތެއް ކަމަށް ބުނެވެއެވެ.

މިހާރު އޮތް ތާވަލަށް ބަލާއިރު، އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރުން އޮންނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.