ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމުގައި އޮތް އެމެރިކާވެސް ކުޑަކަކޫ މައްޗަށް ތިރިކޮށްލި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ބައިނަލްއަގުވާމީ މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ އެއް ނަމަކީ ޑރ އެންތަނީ ފައޫޗީއެވެ.
އިމިއުނޮލޮޖިސްޓް، ޑރ ފައޫޗީއަކީ، 1984 ވަނަ އަހަރުން ފަށައިގެން އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިސް އޮފިޝަލެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ޑރ ފައޫޗީގެ ނަން އެންމެ ގަދައަށް އިވެން ފެށީ، ކޮވިޑް-19ގެ ސީރިއަސްކަން ގަބޫލު ކުރައްވަން އިންކާރު ކުރައްވަމުން ގެންދަވާ އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ދެބަސްވެވަޑައިގަންނަވާ ސިއްހީ ތަޖުރިބާކާރެއްގެ ގޮތުގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާއެކު އަދުގެ އިދިކޮޅު ޑިމޮކްރަޓުން ވަނީ ވެރިކަމުގެ އާ ދައުރު ކަށަވަރު ކޮށްފައެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ، އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ޒައާމަތުގައި ޑރ ފައޫޗީއަށް ވާނެ ގޮތަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ.
ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވަނީ މި ސުވާލުގެ ޖަވާބު ދެއްވާފައެވެ. ބައިޑަން ވިދާޅުވީ، އާ ސާރުކާރުގެ ކޮވިޑް-19 އެޑްމިން ޓީމަށް ސިއްހީ ލަފާ އަރުވާ މުޝީރުގެ މަގާމުގައި ހުންނަވާ ޑރ ފައޫޗީ ކަމަށެވެ.
ބައިޑަން ވިދާޅުވާ ގޮތުގައި، އެމެރިކާގެ ގިނަ ރައްޔިތުންތަކެއްގެ އިތުބާރު ހޯއްދަވާފައިވާ، އާންމު ސިއްހަތުގެ ދާއިރާގެ އޮފިޝަލެއް އެ މަގާމުގައި ހުންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ކޮވިޑް-19ގެ ވެކްސިނާއި ވެކްސިންގެ ރައްކާތެރިކަން އާންމުންނަށް ސާބިތުކޮށްދޭން ޖެހިފައިވާ ވަގުތެއްގައެވެ.
ކަން މިހެން އޮތްއިރު، އިނގިރޭސިވިލާތުން ކޮވިޑް-19ގެ ވެކްސިން ދޭން ފަށަން ނިންމުން އެކަމާ ވާހަކަދެއްކެވުނު ގޮތުން، ޑރ ފައޫޗީ ވަނީ އިނގިރޭސިވިލާތުގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތުން ވެކްސިން ދޭން ނިންމާފައިވަނީ ދޯދިޔާ ގޮތަކަށް ކަން ދޭހަވާފަދަ މޭރުމަކުން ޑރ ފައޫޗީ ވާހަކަދެއްކެވި ކަމަށް ބުނާއިރު، އެއީ އެއްވެސް ހާލެއްގައި އެފަދަ ރޫހެއްގައި ދެކެއްވި ވާހަކައެއް ނޫންކަމަށް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ.
ބައިޑަންވެސް ހުންނެވީ ވެކްސިންގެ ރޭހުގައި ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށެވެ. އަދި ކޮވިޑް-19ގެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކޮށްދެއްވުމަށް، އެމެރިކާގެ ކުރީގެ ރައީސުން ޓީމަކުންވެސް ވަނީ ތައްޔާރުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ބަރާކް އޮބާމާ، ޖޯޖް ޑަބްލިއު ބުޝް އަދި ބިލް ކްލިންޓަން ހިމެނިވަޑައިގަންނަވައެވެ.