ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، މުޅި ދުނިޔޭގެ މިނިވަން ކަމާއި ޑިމޮކްރަސީއަށް ކުރިމަތިވެފައި ވާ އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމަށް، އެމެރިކާގެ ޖަސޫސީ އިސް އޮފިޝަލު ތުހުމަތު ކުރައްވައިފިއެވެ.

އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްއަށް ލިޔުއްވި މަޒުމޫނެއްގައި، އެ ގައުމުގެ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް ޖޯން ރެޓްކްލިފް ވަނީ، މުޅި ދުނިޔެ، ޗައިނާގެ މުށުތެރެއަށް ލުމަށް އެ ގައުމުން އަތުކުރި އޮޅާލައިގެން އޮތް ކަން ދޭހަ ވާ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އިގުތިސޯދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ރޮނގުން މުޅި ދުނިޔެ ކޮންޓްރޯލް ކުރުމަށް ޗައިނާގައި ނިޔަތެއް އެބަ އޮތް ކަމަށްވެސް ރެޓްކްލިފް ވަނީ ތުހުމަތު ކުރައްވާފައެވެ.

މި މަޒުމޫނުގައި ރެޓްކްލިފް އިތުރަށް ވިދާޅުވީ، ބައޮލިޖިކަލް ގޮތުން ޖިސްމާނީ އާދަޔާ ހިލާފު ބާރުވެރިކަން ލިބިފައިވާ "ސުޕާ ސޯލްޖަރުން އުފެއްދުމުގެ" އުއްމީދުގައި، ޗައިނާއިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ.

ޖީން-އެޑިޓްކޮށް ބައޮލޮޖިކަލް ގޮތުން ބާރުގަދަ ކުރެވިފައިވާ ސިފައިންގެ ހިޔާލީ ތަސްވީރެއް / ފޮޓޯ: ޕީއެލްޑީ

ބާރު ކަށަވަރު ކުރުމުގައި ޗައިނާއިން ހިފާފައިވާ އަމާޒުގައި، ސުލޫކީ އެއްވެސް މިންގަނޑެއް ނެތް ކަމަށްވެސް ރެޓްކްލިފް ވަނީ ސިފަކުރައްވާފައެވެ. ނަމަވެސް ޗައިނާއިން އަމާޒު ހިފާފައި ވާ ކަމަށް ރެޓްކްލިފް ތުހުމަތު ކުރެއްވި "ސުޕާ ސޯލްޖާ" މަޝްރޫއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް، އެމެރިކާގެ ޖާސޫސީ އިދާރާއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

"ސުޕާ" ސޯލްޖަރުންނަކީ ހިޔާލީ ވާހަކަތަކުގައި ހަރަކާތްތެރިވާ ބައެކެވެ. މިއީ ޖީން-އެޑިޓް ކުރުން ފަދަ ބައޮލޮޖިކަލް ބަދަލު ގެނެސްގެން، އާދަޔާ ހިލާފު ބާރުތަކަކާއެކު ހަރަކާތްތެރިވާ އަސްކަރީ ހަނގުރާމަވެރި ސިފައިންނެވެ. ކަން މިހެން އޮތްއިރު، ޗައިނާގައި ޖީން-އެޑިޓް ޓެކްނޮލޮޖީ ބޭނުން ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ. އެމެރިކާގެ 2 އިލްމުވެރިއަކުވެސް މިދިޔަ އަހަރު ވަނީ، މިފަދަ ވާހަކަތަކެއް ފެންމަތިކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ ކަންކަމާ ބެހޭ އޮޕަރޭޝަންތަކަށް ފެޑެރަލް ބަޖެޓުން ކަނޑާއަޅާފައިވާ 85 ބިލިއަން ޑޮލަރުގެ ތެރެއިން މުހިންމު ވަސީލަތްތަކެއް، ހަމަ އެކަނި ޗައިނާގެ ދިރާސާއަށް އަމާޒު ކޮށްފައި ވާނެ ކަމަށް ވެސް ރެޓްކްލިފް ވަނީ ވިދާޅުވެފައެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި ޗައިނާއިން ދަނީ ފިކުރީ މުދަލުން ވައްކަން ކުރަމުން ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކަށް ޗައިނާއިން އިންކާރު ކުރެއެވެ. އަދި އެމެރިކާގެ ލީޑަރުން، ޗައިނާއާ ދެކޮޅަށް ގެންގުޅޭ ރައުޔާއި ރޫހު ބަދަލު ކުރުމަށްވެސް ޗައިނާއިން ވަނީ ގޮވާލާފައެވެ.