އިރާނުން ކުރިއަށް ގެންދާ ޔުރޭމިއަން މަޝްރޫއު ވިލަރެސް ކުރުމަށް އދއިން ހިންގާ ތަހުގީގުތައް ހުއްޓުވުމަށާއި، ޔުރޭނިއަމް ފައްކާ ކުރުމުގެ މަޝްރޫއު އިތުރަށް ފުޅާ ކުރުމަށް ހާއްސަކޮށްގެން، އީރާނުގެ ގާނޫނު ހަދާ މަޖިލީހުން، އާ ބިލެއް ފާސްކޮށްފިއެވެ.

އާ ބިލުގައި ވާ ގޮތުން، އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ނުދީފިނަމަ، 20 ޕަސެންޓާ ހަމައަށް ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް، އީރާނުގެ ސަރުކާރުން އަލުން ފަށަންޖެހެއެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް 2 މަސް ދުވަހުގެ މުހުލަތެއް އީރާނުން ވަނީ ދީފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ، މި ބޮލް ތަސްދީގުކޮށް، ތަންފީޒު ކުރަން ފެށުމާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. މިއީ ޑިޕްލޮމަސީއަށް ގެއްލުން ދެނިވި ބިލެއް ކަމަށް ރޫހާނީ ވިދާޅުވެއެވެ.

އީރާނުން މިފަދަ ރޫހެއްގައި ބިލެއް ފާސް ކޮށްފައި މިވަނީ، 2000ގެ އަހަރުތަކުގެ ކުރީކޮޅާ ހިސާބަށް، އެންމެ ފޯރީގައި އީރާނުގެ ނިއުކްލިއާ މަޝްރޫއު ހިންގުމުގައި އިސްކޮށް ހުރި ސައެންޓިސްޓް، މުހްސިން ފަހްރީޒާދީ މަރާލާފައިވާ ދަނޑިވަޅެއްގައެވެ. މަގުމަތީގައި ދަތުރު ކުރަމުން ދަނިކޮށް، ހަތިޔާރުއެޅި ބަޔަކު، މިދިޔަ ހުކުރު ދުވަހު ދިން ހަމަލާތަކެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، ފަހްރީޒާދީ މަރުވީ ހަމަ އެރޭގެ ވަގުތެއްގައެވެ.

އޮކްޓޯބަރު 27، 2020 ވީ ހުކުރު ދުވަހު މަރާލި އީރާނުގެ ނިއުކްލިއާ ސައެންޓިސްޓް ސައެންޓިސްޓް މުހްސިން ފަހްރީޒާދީ ގެ ސަންދޯއް އުފުލަނީ / ފޮޓޯ: ޓައިމްސް އޮފް އިސްރާއީލު

ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާއެކު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ އެއްބަސްވުމުން ހުއްދަ ދޭ މިންގަނޑަކީ 3.67 ޕަސެންޓަށް ޔުރޭނިއަމް ފައްކާ ކުރުމެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ ޖުލައި މަހު އީރާނުން ވަނީ މި އިން ހުރަސް ކޮށްފައެވެ. އޭގެ ފަހުން އެ ގައުމުން އަންނަނީ 4.5 ޕަސެންޓަށް ޔުރޭނިއަމް ފައްކާ ކުރަމުންނެވެ.

3-5 ޕަސެންޓާ ދެމެދު މިންވަރަކަށް ފައްކާ ކުރާ ޔުރޭނިއަމްއަކީ، ހަކަތައިގެ ބޭނުންތަކަށް ހާއްސަ ކުރެވޭ ދަރަޖައިގެ ޔުރޭނިއަމްއެވެ. ހަތިޔާރު އުފެއްދުމުގެ މިންގަނޑަކީ 90 ޕަސެންޓާއި އޭގެ މަތީގެ ރޭންޖުތަކެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ ފަހަތުގައި އޮތީ އަސްކަރީ މަގުސަދެއް ކަމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއި، އެ ފިކުރަށް އެއްބާރުލުންދޭ ފަރާތްތަކުން ދައުވާ ކުރި ކަމުގައި ވީ ނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އަކީ، މަދަނީ ބޭނުންތަކަށްޓަކައި ކުރިއަށް ގެންދާ، ސުލްހަވެރި މަޝްރޫއެއް ކަމަށެވެ.