އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ފައިންޕުޅަށް އަނިޔާވެ، ރެނދުލުމުގެ ސަބަބުން، ކުރިއަށް އޮތް ހަފުތާތަކުގައި ހާއްސަ ބޫޓެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް، ބައިޑަންގެ ޑޮކްޓަރު، ކެވިން އޯކޮނާ ވިދާޅުވެއްޖެއެވެ.

ބައިޑަންގެ ފައިންޕުޅުގައި ރެނދުލީ، އޭނާގެ ކުއްތާއާއެކު ކުޅުމުގެ ތެރޭގައި، ކައްސާލައިގެން ވެއްޓިވަޑައިގަތުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ބައިޑަން ސިއްހީ ފަރުވާ ހޯއްދަވަން ވަޑައިގަތީ، ފައިފުރޮޅުމުގެ ސަބަބުންނެވެ. ނަމަވެސް ރެނދުލާފައިވާކަން އެނގުނީ ފަހުން ހެދި ސީޓީ ސްކޭންއިން ކަމަށް މައުލޫމާތު ލިބެއެވެ.

މި މަހުގެ 20 ވަނަ ދުވަހު، 78 އަހަރުފުޅުވީ އުފަން ދުވަސް ފާހަގަ ކުރެއްވި ބައިޑަންއަކީ، އެމެރިކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އެންމެ ދޮށީ ޝަހްސެވެ.

ފޯރިގަދަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި ދުވަސްވަރު، ބައިޑަންގެ ކެމްޕޭނުން ވަނީ، އޭނާގެ މެޑިކަލް ރެކޯޑްތައް އާންމު ކޮށްފައެވެ. އަދި ބައިޑަންއަކީ ވެރިކަން ކުރެވޭ ފަދަ ސިއްހަތެއްގައި ހުންނެވި ބޭފުޅެއް ކަންވެސް ކަށަވަރު ކޮށްދީފައި ވެއެވެ.

ސިއްހީ ފަރުވާ ހޯއްދަވަން ބައިޑަން ހޮސްޕިޓަލަށް ވަޑައިގެންނެވި މަންޒަރު، އެންބީސީގެ ނޫސްވެރިއަކު ހިއްސާ ކުރުމާއެކު، މި ފަހަރުގެ އިންތިހާބުގައި ބައިޑަންއާ ވާދަ ކުރައްވާ، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ބައިޑަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޓްވީޓެއް ދޫކޮށްލައްވާފައެވެ.