ޝިޕިން އޭޖެންސީގެ އާ ގަވާއިދު އަދި ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުމުގެ ގަވައިދު ގެޒެޓުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އަލުން އެކުލަވާލެވުނު ޝިޕިން އެޖެންސީގެ ގަވައިދާއި ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުމުގެ ގަވައިދު: ފްރެއިޓް ފޯވަޑިންގެ ހިދުމަތް ތަކާއިބެހޭ ގަވައިދު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއުއު ކުރެވިފައިވާ ކަމަށެވެ.

ޝިޕިން އެޖެންސީގެ އާ ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައިސް ގޮސްވާ އާގު ބޯޓު ފަހަރަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ޝިޕިން އޭޖެންޓުން ޕްރޮފެޝަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ހިދުމަތް ދިނުމަށް މަގުފަހިކޮށްދިނުން ކަމަށް އެގވައިދުގައި ބުނެއެވެ.

އެގަވައިދު ހިންގުމުގެ ބާރު އަދި އެ ގަވާއިދު އިސްލާހުކުރުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ. އަދި އެ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަމަށް ވެސް އެގަވައިދުގައިވެއެވެ.

އެ ގަވައިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެއެވެ. ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑާސް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެއެވެ.

ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާ ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ.

ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުމުގެ ގަވައިދު: ފްރެއިޓް ފޯވަޑިންގެ ހިދުމަތް ތަކާއިބެހޭ ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ހިންގާ ވިޔަފާރި ފަހިކޮށްދިނުމުގެ ގޮތުން މުދާ އެތެރެކުރުމުގެ ތެރޭގައި ގުޅުންހުރި ހިދުމަތްތައް ހޯދާ އެކިއެކި ފަރާތްތަކުން ދޭ ހިދުމަތްތަކުގެ ތެރެއިން ފްރެއިޓް ފޯވަޑިންގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް އެއް މިންގަނޑަކަށް ފައްތައި އެފަދަ ހިދުމަތްތަކަކީ ޕްރޮފެޝަނަލް ފެންވަރެއްގައި ޒިންމާދާރު ކަމާއެކު ހިންގާ ހަރަކާތެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށް އެގަވައިދުގައި ވަނީ ބުނެފައެވެ.