މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ބޮޑެތި ކުންފުނިތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އެގޮތުން އެމެރިކާގެ ބޮއިންގް ކުންފުނިން ވަނީ ރަޝިއާގެ އެއާލައިންތަކަށް ސްޕެއާ ޕާޓް ފޯރުކޮށްދިނުމާ، މެއިންޓަނަންސް ހިދުމަތް ދިނުމާ، ފަންނީ އެއްބާރުލުން ދިނުން މެދުކަނޑާލަން ނިންމާ، އެކަން އިއުލާން ކޮށްފައެވެ. އަދި ރަޝިއާގެ ވެރިރަށް މޮސްކޯގައި ހިންގާ އޮޕަރޭޝަންތައް މެދުކަނޑާލަންވެސް ބޮއިންގްއިން ވަނީ ނިންމާފައެވެ.

ބޮއިންގްގެ ތަރުޖަމާނަކު ވިދާޅުވީ އެ ކުންފުނިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެސަރަހައްދުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. ބޮއިންގްއިން ވަނީ ރަޝިއާއިން ހަނގުރާމަ ކުރަމުންދާ ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި ހިންގާ އޮފީސްވެސް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

ހާކީވްގެ މަގުމައްޗަށް ވެއްޓިފައި އޮތް ރޮކެޓް

ކަނޑު މަގުން މުދާ އުފުލުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ޝިޕިންގް ގުރޫޕުތަކުންވެސް ވަނީ ރަޝިއާއަ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ޑެންމާކުގެ މާއެސްކްއާއި ސުވިޓްޒަލަންޑްގެ އެމްއެސީ އަދި ފަރަންސޭސިވިލާތުގެ ސީއެމްއޭ ސީޖީއެމްއިން ވަނީ ރަޝިއާއިން ހަދާ ބުކިންގްތައް ބަލައި ނުގަންނާނެ ކަން ހާމަކޮށްފައެވެ. އަދި ރަޝިއާއަށް ދާން ހުރި ގިނަ ޑެލިވަރީތައްވެސް މަޑުޖައްސާލެ ކަން ވަނީ ހާމަކޮށްފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް ތަފްސީލު ކޮށްދެމުން މާއެސްކް އިން ބުނީ ބުކިންގް ހުއްޓާލި ނަމަވެސް، ކާބޯތަކެއްޗާއި، ސިއްހީ ސާމާނާއި އިންސަނީ އެހީގެ ސަޕްލައިއަށް ހުރަސް ނާޅާނެކަމަށެވެ. އެމްއެސީގެ ވާހަކަވެސް މިފަދަ ގޮތަކަށް ހުރިއިރު، ސީއެމްއޭ ސީޖީއެމްއިން ބުނީ ފުރަތަމަ އިސްކަމަކީ މުވައްޒަފުންގެ ސަލާމަތްތެރިކަން ކަމަށާ، އެއަށްފަހު ސަޕްލައި ޗޭން ކުރިއަށް ގެންދިއުން ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ ކާޑް ކުންފުނިތައް ކަމަށް ވާ ވީސާ އިންކްއާއި މާސްޓާކާޑް އިންކްއިން ވަނީ ރަޝިއާގެ ގިނަ މުއައްސަސާތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ކަން ފާހަގަ ކުރަން ޖެހެއެވެ.