ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ އަމިއްލަ ބޯޓު، އެމްއެސްއެސް ގެލީނާ ފުލް ކާގޯއާއެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްސްއެސް ގެލީނާ މިއަދު ރާއްޖެ އައުން ފާހަގަކުރަން އެމްޕީއެލްގެ މާލޭ ކޮމާޝަލް ހާބަރުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯ އާއި އެމްއެސްސްގެ އިސްވެރިންގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީީއާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން، އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ، މިއީ ދިވެހި ތާރީހުގައި އެކުންފުނީގެ ނަން ފާހަގަކޮށްލެވޭނެ ދުވަހެއް ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް މުދަލާއި ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި އެމްއެސްއެސް ގެލީނާގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ޖުމްލަ 780 ކޮންޓެއިނަރާއި 60 ޓަނުގެ ކްރޭނާއި 60 ޓަނުގެ ފީފާ އުފުލޭ މި ބޯޓުގައި ތިބި 16 ފަޅުވެރިންގެ ތެރެއިން 99 ޕަސެންޓަކީ ދިވެހިންކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ "މި ބޯޓަކީ ދިވެހިރާއްޖޭގެ ދިދަ ނަގައިގެން ދިވެހި ކްރޫންނާއެކު ދަތުރުކުރާނެ ބޯޓެއް" ކަމަށާއި އެހެންކަމުން އެއީ އެމްއެސްއެސް އަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ދެއްކެވި ވާހަކައިގައި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މެރިޓައިމް ސެކްޓަރުގައި މަސައްކަތްކުރަނީ ހަމައެކަނި ފިރިހެނުން ނޫން ކަމަށާއި، މި ދާއިރާގައި އަންހެނުންނަށްވެސް މަސައްކަތް ކުރެވޭނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖެ ވަށާ 90 ޕަސެންޓު އޮންނަނީ ކަނޑު ކަމަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާއެކޭ އެއްފަދައިން މެރިޓައިމް ދާއިރާވެސް ފުޅާކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އިންޖީނު އަދި ޑެކް ކެޑޭޓުންނަށް ފުރުސަތު ހުޅުވާލައި، އަންނަ އަހަރުގެ ތެރޭ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އިންޖީނު އަދި ޑެކް ކެޑޭޓުންނަށް ފުރުސަތު ހުޅުވާލާ ސްކޮލާޝިޕް އާންމުކުރާނަން. މިއީ ރަނގަޅު ދާއިރާއެއް ތަމްރީނުވެގެން އަލަށް ސްކޫލް ނިންމާ ކުދިން ވަންނަން. ރާއްޖެއަކީ 90 ޕަސެންޓު ހިމެނޭ ގައުމަކަށް ވާއިރު މެރިޓައިމް ދާއިރާއަކީ އަޅުގަނޑުމެންގެ ފަހުރަކަށް ވާންޖެހޭ." ސައީދު ވިދާޅުވިއެވެ.

ފުލްކޮށް 400 އަށް ވުރެ ގިނަ ކޮންޓެއިނަރު އުފުލުމުގެ ގާބިލްކަން ހުރި އެމްއެސްއެސް ގެލީނާ އަކީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އޮންނަ، 0.01 ޕަސެންޓު ފިއުލް ސަޕްލައިގެ ހިއްސާ އޮންނަ ބޯޓެކެވެ. ކޮންމެ ދިހަ ދުވަހަކުން ދަތުރުކުރާ މި ބޯޓުގެ 99 ޕަސެންޓު ފަޅުވެރިންނަކީ ދިވެހިންނެވެ.