ދެކުނު ބިތުން ގޮސް ސުއޭޒް ކެނަލަށް އަދި އިންޑިއާ ކަނޑުން ގޮސް ރަތް ކަނޑަށް ނިކުންނަ ކާގޯ ބޯޓު ފަހަރުގެ އެންމެ ކުރު މަގަކީ މިހާރު ހޫތީ ހަނގުރާމަވެރިންގެ އަމާޒަކަށް ވެފައި ވުމާއެކު, ޑަޗް ކުންފުނި 'މައެސްކް' ގެ ހިދުމަތްތައް އެސަރަހައްދުގައި މަޑުޖައްސާލައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ކުންފުނި ކަމަށް ވާ މައެސްކް އިން ބުނީ, ރަތް ކަނޑުގައި އެ ކުންފުނީގެ އުޅަނދުތަކަށް ނުރައްކާ ކުރިމަތިވަމުން ދާތީ ވަކި ގޮތެއް އަންގަންދެއް އެއްވެސް އުޅަނދެއް ބަބް އަލް މަންދަބް ކަނޑުއޮޅިއަށް ނުވަނުމަށެވެ. ބަބް އަލް މަންދަބް ކަނޑު އޮޅިއަކީ, 'ގޭޓް އޮފް ޓިއާސް' ނުވަތަ ކަރުނައިގެ ގޭޓުގެ ގޮތުގައި މަޝްހޫރު މި ޗެނަލް އަކީ 32 ކިލޯމީޓަރު ފުޅާ ކަނޑުއޮޅިއެކެވެ. ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރު [ކާގޯ ދަތުރު] ގެ 10 ޕަސެންޓް [ގާތްގަނޑަކަށް 17,000 ބޯޓު] މި ކަނޑުއޮޅިން ދަތުރު ކުރެއެވެ.
ޔަމަނާއި އަރަބިއަން ޕަނިންސުލާ އަދި ޖިބޫޓީ އާއި އެރިޓްރިއާގެ ހަތަރުއަނގޮޅިއަށް ވާގޮތަށް އޮންނަ މި ޗެނަލް އިން ދަތުރު ކުރާ ކާގޯ ބޯޓު ފަހަރަށް ހޫތީން ހަމަލާ ދީ ބައެއް ބޯޓުތައް ހައިޖެކް ކޮށް އަތުލައިގެން ޔަމަނަށް ގެންގޮސްފައި ވާ އިރު, އިއްޔެވެސް ވަނީ 2 ބޯޓަކަށް ހަމަލާއެއް ދީފައެވެ.
އިޒްރޭލުން ގާޒާ ބަނޑަށް ޖައްސައި, ކާބޯތަކެއްޗާއި ބޭސް ދިނުން ހުއްޓާލައިފައި ވުމުން އިޒްރޭލަށް ދަތުރު ކުރާ ކޮންމެ އުޅަނދަކާއި, އިޒްރޭލަށް ނިސްބަތްވާ ކޮންމެ އުޅަނދަކަށް ހަމަލާ ދޭނެ ކަމަށް ހޫތީން ދީފައިވާ އިންޒާރާ އެއްގޮތަށް ދެމުން ގެންދާ މިހަމަލާތަކުގެ ސަބަބުން ކާގޯ ބޯޓުފަހަރަށް އެ ޗެނަލްގައި މިހާރު ރައްކާތެރިކަމެއް ނެތެވެ.
ހޫތީންގެ މި އަމަލުގެ ސަބަބުން ކާގޯބޯޓުފަހަރަށް އިންޝުއަރޭންސްގެ ހިދުމަތް ދޭ ކުންފުނިތަކުންވެސް މިހާރު އެ ހިދުމަތް ދޭން ފަސްޖެހެމުން އަންނަ އިރު, މައެސްކްގެ މި ނިންމުމާއެކު ދެން އެ ކުންފުނީގެ ބޯޓުތައް ދެން ދާން ޖެހޭނީ ދެކުނު އެފްރިކާ ވަށާލާފައެވެ. އެއީ އިންތިހާއަށް ދުރު މަގަކަށް ވާއިރު, ބައެއް މުދާ ހަލާކުވުމުގެ ކުރިން, ނުވަތަ ލިބެންވާ މުއްދަތުގައި ބައެއް މަންޒިލްތަކަށް ނުފޯރާނެ ކަމަށް ބޯޓު އިންޑަސްޓްރީގެ މާހިރުން ވަނީ އިންޒާރު ކޮށްފައެވެ. އެއާއެކު އަގުތައް އުފުލިގެން ދާނެ ކަމަށާއި, މުޅި ދުނިޔޭގެ ކާގޯ ޗެއިންއަށް އަސަރުތަކެއް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އާންމުކޮށް ރަތްކަނޑުގެ ޗެނަލްތަކުން ދަތުރު ކުރާ ކާގޯ ބޯޓުތަކަކީ ތެލާއި ފިއުލް [ހަކަތައިގެ ބާވަތްތައް] އުފުލާ ބޯޓުތަކެވެ.
މިއަދުވެސް އެ ޗެނައިލްއިން ދެ ބޯޓަކަށް ހަމަލާ ދިން އިރު އެއް ހަމަލާއަކީ ޑްރޯން ހަމަލާއެކެވެ. ދެވަނަ ހަމަލާ އަކީ މިސައިލް ހަމަލާއެއް ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.
މި މައްސަލައިގައި އެމެރިކާއިން ކަންބޮޑުވެ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިހާރު މެދުއިރުމަތީގައި އުޅުއްވާ އިރު, އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ވެސް ވަނީ މިކަން ހުއްޓުވުމަށް ނުކުޅެދިފައެވެ. އެމެރިކާއަށް އެހީވުމަށް ފްރާންސާއި އިނގިރޭސި މަނަވަރުތައްވެސް ހަރަކާތްތެރި އެބަވެއެވެ. ނަމަވެސް މިއިން އެއްވެސް ބާރަކަށް ބެލުމެއްނެތި ހޫތީންގެ އޮޕަރޭޝަން ފުޅާކުރަމުން ވަރުގަދަ ކުރަމުން ދިޔުމުގެ ނަތީޖާއަކީ ބޯޓު ފަހަރަށް އޮތް ރައްކާތެރިކަމާމެދު ސުވާލު އުފެދި އެމެރިކާއާއި ބައިވެރިންނާ ގުޅުމަށް އިތުރު ފަރާތްތަކަށް ދައުވަތު ދިނުމެވެ. އެގޮތުން އެމެރިކާއިން ވަނީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީއަށް މިކަމުގައި އެދި ގޮވާލާފައެވެ.
ރަތް ކަނޑުގައި އެމެރިކާ އާއި ބައިވެރިންނަށް މާ ބޮޑު ކަމެއް ނުކުރެވޭ އެއް ސަބަބަކީ އެ ކަނޑުގެ ބޮޑުބައެއްގެ ކޮންޓްރޯލް އީރާނަށް އޮތުމާއި, އީރާންގެ އިހުތިސޯސް ހިނގާ ސަރަހައްދާ ކައިރިއަށް މަނަވަރެއް ވަނަސް ފަހާ ބޭރުކޮށްލުމެވެ.