ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް ބުރު އަރާ، މުދާ ލިބުމުގައި ކުރިމަތިލާން ޖެހުނު ދަތިތަކާ، މި ހިނގާ 2022 ވަނަ އަހަރުވެސް ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓެއް ބުނެފިއެވެ.

ޑިޖިޓަލް ސަޕްލައި ޗޭނުގެ ތަޖުރިބާކާރުންތަކެއް ކަމަށް "ޕްރޮޖެކްޓް44" އިން ބުނާ ގޮތުގައި މަސްތަކެއް ވަންދެން ފެއިލް ވުމަށް ފަހު، ޗައިނާއިން ވިލާތަށް މުދާ ގެންދިއުމަށް ހޭދަވި މުއްދަތު، ޑިސެމްބަރު މަހު ވަނީ 6 ދުވަހަށް އިތުރު ވެފައެވެ.

މީގެ އިތުރުން އެމެރިކާގެ ހުޅަނގު އައްސޭރިއަށް މުދާ ގެންދިއުމަށް ހޭދަ ވާ މުއްދަތުވެސް، އޮކްޓޯބަރުން ފެށިގެން އިތުރު ވަމުން އަންނަ ކަމަށް "ޕްރޮޖެކްޓް44" އިން ބުނެއެވެ.

އެތައް މަހެއް ވަންދެން ބައިނަލްއަގުވާމީ ސަޕްލައި ޗޭނަށް ހުރަސް އެޅެމުން ދަނީ ބަނދަރުތައް ފުރި ބާރުވުމުގެ އިތުރުން، މުދާ އުފެއްދުމުގައިވެސް ލަސްތަކެއް ކުރިމަތިވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

"ޕްރޮޖެކްޓް44" އިން ބުނީ، ކޮވިޑް-19ގެ ރާޅުތައް ދޭތެރެ ދޭތެރެއިން ބިންދަމުން ދިއުމާ، މުދާ ގަންނަ ފަރާތްތަކުން ފުދޭ ވަރަކަށް ރަނގަޅަށް މުދާ ގަންނަމުން ދިއުމުގެ ސަބަބުން، 2022 ވަނަ އަހަރަކީވެސް މުދާ ލިބުމުގައި "ޑިލޭތަކަކާ" ކުރިމަތިލާން ޖެހުން ގާތް އަހަރެއް ކަމަށެވެ.

"ޕްރޮޖެކްޓް44"ގެ ރިޕޯޓް ބުނާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ވަނީ ބޮޑު އަސަރެއް ފޯރާފައެވެ. ކަނޑުމަގުން މުދާ އުފުލުމުގެ އަގުތައް އުފުލުމާ، ވަގުތަށް މަސައްކަތްތައް ނުނިމުގެ އިތުރުން، ހުސް ކޮންޓޭނަރުތައް ހުންނަންޖެހޭ ތަންތަން ނޫން އެހެން ތަންތަނުގައި ހުރުމަކީ، މިކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް "ޕްރޮޖެކްޓް44"ގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން ކޮންޓޭނަރު އުފުލާ ބައެއް ރޫޓްތައް ކެންސަލް ކުރުން ނުވަތަ އާންމު ޝެޑިއުލްގައި ހިމެނޭ ބައެއް ބަނދަރުތައް މިސްވުން ފަދަ ކަންކަން އިތުރުވެއެވެ.

މީގެ އިތުރުން މުދާ އުފުލުމާ ބޯޓުތަކުން މުދާ ހުސްކޮށް، ބަރު ކުރުމަށްވެސް ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއިން ތަންފީޒު ކުރަމުން އަންނަ "ޒީރޯ ކޮވިޑް" ސިޔާސަތުތަކުގެ ސަބަބުންވެސް އިތުރު ތަކުލީފުތައް ކުރިމަތިވެއެވެ. އެހެން ކަމުން، ލަފާ ކުރަން ނޭނގޭ މުއްދަތަކަށް، މި ގޮންޖެހުންތައް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.