ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހާތިފް ހިލްމީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހުމަދު ޝަކީލު އައްޔަން ކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނުކުރުމަށް ނިންމާ ބޭފުޅުނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.

ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގެ ފަތްކޮޅު ހާތިފްއަށް އަރުވާފައިވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއެވެ.

ހާތިފް އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީ އިން ބެޗެލާ އޮފް ލޯ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އޭނާ ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު 11 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރުކަން 10 މަސް ވަންދެން ފުރުއްވައިފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނުކުރެއްވި ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފްޝަރީއާ އަދި ޝަރީއާ އިން މާސްޓާސް ހާސޮލްކުރައްވާފައެވެ. އޭގެ އިތުރުން ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފަރާތެކެވެ. ޝަކީލް ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލްކޯޓާއި ސިވިލްކޯޓު އަދި ފެމިލީކޯޓާއި ކްރިމިނަލްކޯޓު ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރި ޝަކީލަށް މަގާމުގެ ފަތްކޮޅު ހަވާލުކުރަނީ/ ފޮޓޯ: ޖޭއެސްސީ

އިސް ފަނޑިޔާރު ކަމަށް ހާތިފް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުޖާއު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ.