ތިއީ ޒުވާން ލަވަކިއުންތެރިޔާ ބިލީ އައިލީޝްގެ ފޭނެއް ނަމަ، ނަސީބު މިއޮތީ އަތުގައި ހިފާފައެވެ.

މަޝްހޫރު ވީޑިއޯ ޕްލެޓްފޯމް ޔޫޓިއުބްއާއި ގޫގްލް ކްރިއޭޓިވް ލެބްސް ގުޅިގެން މިހާރު މިވަނީ، ތަހުލީލީ މަޝްރޫއެއްގެ ގޮތުގައި، ދުނިޔޭގެ ފުރަތަމަ "އިންފިނިޓް" ވީޑިއޯ ލޯންޗްކޮށްފައެވެ.

"އިންފިނިޓް" ވީޑިއޯއަކީ ދިގުދެމިގެންދާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ފީޗާ ކުރަނީ މަޝްހޫރު ލަވަކިއުންތެރިޔާ ބިލީ އައިލީޝްގެ "ބޭޑް ގައި" – މި ލަވައިގެ އެކި ވާޝަންތަކެވެ. ވާޝަންއަކަށް ފަހު ވާޝަންއެކެވެ.

ބިލީ އައިލީޝްގެ "ބޭޑް ގައި" ރިލީޒް ކުރުމާއެކު، ގިނަ ބައެއްގެ މެދުގައި އެ ލަވައިގެ މަގުބޫލުކަން އިންތިހާއަށް އިތުރުވިއެވެ. ނަތީޖާއަކާށްވީ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު، އެ ލަވައިގެ ކަވާ ވާޝަންތައް ޔޫޓިއުބަށް އަޕްލޯޑް ކުރުމެވެ.

ދިގު ދެމިގެންދާ "އިންފިނިޓް" ވީޑިއޯގައި، ބިލީ އައިލީޝްގެ "ބޭޑް ގައި" ފީޗާ ކޮށްފައި ވަނީ، އެ ލަވައިގެ މިއުޒިކް ވީޑިއޯއަށް 1 ބިލިއަން ވިއުޒް ލިބުނު މުނާސަބާއާ ގުޅުވައިގެންނެވެ.