ޕާކިސްތާނުގައި އަންހެނުންނާ ކުޑަކުދިންނަށް ދެމުން އަންނަ ޖިންސީ އަނިޔާގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރޭޕް ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ 2 އުސޫލަކަށް ރުހުން ދިނުމަށް ޕާކިސްތާނުގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން، ޖިންސީ އަނިޔާ ދީ، ރޭޕް ކުރާ މީހުންގެ ޖިންސީ އެދުންވެރިކަން ތާ އަބަދަށް ކަނޑުވާލުމަށް ކެމިކަލްގެ ބާރުގެ ބޭނުން ކުރުމަށާއި، ރޭސް ކުރާ މީހުން ދަންޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.
އިންފޮމޭޝަން މިނިސްޓަރު ޝިބްލީ ފަރާޒް ވިދާޅުވީ، އެންޓި-ރޭޕް އޯޑިނަންސް 2020 އާއި، ގާނޫނުން އުގޫބާތަށް ގެނެވުނު އިސްލާހާ ގުޅޭ ކަންކަން، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފާސް ކުރުމަށް ފަހު، ރަސްމީ ހައިސިއްޔަތުގައި ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.
ބޮޑުވަޒީރު އިމްރާން ހާން ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގައި ފާސްކުރި އިތުރު ކަމަކަށް ބަލާއިރު، "ރޭޕް" މަނާ ކުރާ ގޮތަށްވެސް ބަދަލު ގެނެސްފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން، ރޭޕް މާނަ ކުރުމުގެ ތެރޭގައި، "ޓްރާންސްޖެންޑާ" އަދި "ގޭންގް-ރޭޕް" ވެސް ހިމަނާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގާނޫނީ ހައިސިއްޔަތު ހޯދުމަށް ވަޒީރުން މަޖިލީހުން އިސްލާހު ކުރި 2 އުސޫލަށް ބަލާއިރު، ރޭޕްގެ ޝިކާރައަކަށްވި އަންހެނުންގެ ބިކުރުގެ ހާލަތު ވަޒަން ކުރުމަށް ހަދާ "ޓޫ-ފިންގާ" ޓެސްޓު ކުރުން މަނާ ކުރެވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ، މިއީ ސައެންސްގެ އަލީގައި ސާބިތު ކުރެވޭ، އަދި އިތުބާރު ކުރެވޭ ޓެސްޓެއް ނޫން ކަމަށް ބުނެފައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވެސް ވަނީ މިއީ ބޭ އިހުތިރާމް ކުރަނިވި، އަދި އަންހެނުންގެ އަބުރާ ޒާތީ ސިއްރިއްޔާތަށް އަރައިގަންނަނިވި ޓެސްޓެއް ކަމަށް ސިފަކޮށްފައެވެ.
ޕާކިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ ވަޒީރު ޝިރީން މަޒާރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުތަކާ ބެހޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ބަދަލުތައް ތަންފީޒު ވެގެންދާނެ ކަމަށެވެ.