އިލެކްޝަންސް ކޮމިޝަން (އީސީގެ) މެންބަރު ކަމުން އަހުމަދު އަކްރަމް ވަކިކުރަން ފޮނުވަން ނިންމީ ސުލޫކީ މައްސަލައެއްގައި ކަމަށް މިނިވަން މުވައްސަސާ ކޮމިޓީގެ މުގައްރަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެގޮތުން މުވައްޒަފުންނާ ވާހަކަ ދެއްކުމުގައި ކޮމިޝަން މެންބަރަކު ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑު ހިފަހައްޓާފަ ނުވާކަމަށް ކޮމިޓީގެ މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަކްރަމް އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ އީސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.

އަކްރަމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށެވެ.

އީސީގެ މެންބަރު ކަމުން އަކްރަމް އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްވެފައިވާތީ އީސީގެ މެންބަރުކަމަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފައެވެ.