ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާ (7.6 މިލިއަން ޔޫއެސް ޑޮލަރު ނުވަތަ 800 މިލިއަން ޖަޕަނީޒް ޔެން) ގެ އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްދީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލްކަން އިތުރު ކުރެވިގެން ދާނެއެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ.

ޖަޕާނުން ދޭ 117 މިލިއަން ރުފިޔާ އެއްބަސްވުމާ ގުޅޭ ލިޔުންތައް ހަވާލު ކުރުން / ފޮޓޯ: ފޮރިން މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެގައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޖަޕާނުން ރާއްޖެއަށް 117 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކު ރެވިގެން ދިޔުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ އިތުރުން ކާރިސާތަކަށް އިޖާބަދިނުމާ މީހުން ސަލާމަތްކުރުމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ރަމްޒެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.