މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގައި، އެމެރިކާއަށް ޖެހި ފުރަތަމަ ރާޅުގައި، ކޮންމެ ދުވަހަކުމެހެން ޓީވީ މެދުވެރިކުރައްވާ ޕްރެސް ކޮންފަރެންސްތައް ކުރިއަށް ގެންދެވި ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ކަށަވަރު ކުރައްވައިފިއެވެ.

އިންޓަނޭޝަނަލް އެމީ އެވޯޑްސް އަކީ، އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޝަން އާޓްސް އެންޑް ސައެންސަސް (އަޔާޓާސް) އިން، ޓީވީ ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން ދޭ، ޝަރަފުވެރި އެވޯޑެކެވެ.

މިއަހަރުގެ ބަހާރު މޫސުމުގެ ދުވަސްވަރު، ނިއުޔޯކް ސިޓީ ހަފުސްކޮށްލި ކޮވިޑް-19ގެ ރާޅުގެ އޮއެވަރުގެ ތެރޭގައި، ކޮންމެ ދުވަހަކު ކުރިއަށް ގެންދެވި ޕްރެސް ކޮންފަރަންސްތަކާއެކު، ގިނަ ބައެއްގެ ސަމާލުކަން ކުއޯމޯއަށް އަމާޒުވިއެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުމަށް ދުރާލާ އެޅުއްވި ފިޔަވަޅުތަކާއެކު ގިނަ ބައެއްގެ ތައުރީފުވެސް ކުއޯމޯ ހޯއްދެވިއެވެ.

ކުއޯމޯގެ ޕްރެސް ކޮންފަރަންސްތަކަކީ، ތަފާސް ހިސާބުތަކުގެ މުއްސަނދިކަން ލިބިފައިވާ، އަދި ޕަވާޕޮއިންޓް ޕްރެޒެންޓޭޝަންތަކުން ފަޅުފިލުވާލަދީފައިވާ ޕްރެސް ކޮންފަރެންސްތަކެކެވެ. ހަގީގަތް ހާމަކުރައްވަމުން ގެންދެވި މި ޕްރެސް ކޮންފަރެންސްތަކަކީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވަމުން ގެންދެވި ޕްރެސްތަކާ މުޅިން ތަފާތު ޕްރެސް ކޮންފަރެންސްތަކެކެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ކޮވިޑް-19 އާ ގުޅޭ ތަފާސް ހިސާބުތަކެއް ޕްރިންޓްކޮށްފައިވާ ކަރުދާސްތަކެއް ހިއްޕަވައިގެން/ފޮޓޯ: އެލެކްސް ބްރޭންޑަން

އިންޓަނޭޝަނަލް އެމީ އެވޯޑްސްއިން ބުނީ، "ފައުންޑާޒް އެވޯޑް" ކުއޯމޯއާއި ހަވާލު ކުރެވޭނީ، ހޯމަ ދުވަހު ލައިވްސްޓްރީމް ކުރާ އިވެކްޓެއްގައި ކަމަށެވެ.

އަޔާޓާސްގެ ސީއީއޯ ބްރޫސް ޕެއިޒްނާ ވިދާޅުވީ، ކުއޯމޯގެ މަސައްކަތުން، ބިނާކުރަނިވި ޓީވީ ޝޯތަކެއް އުފެދި، ކެރެކްޓަރުތަކާއި ޕްލޮޓްތަކެއްވެސް އުފެދި، ކާމިޔާބީއާއި ނާކާމިޔާބީ ވާހަކަތައް ޓީވީއިން ފެނިގެން ދިޔަ ކަމަށެވެ. ވާނުވާ ބެލުމަށް މީހުން ޓީވީއަށް ބަރޯސާވި ކަމަށާ، ކޮވިޑް-19އާ ދެކޮޅަށް އެންމެ ވަރުގަދަ އެއް ހަނގުރާމައެއް ކުރި ތަނަކަށް، ނިއުޔޯކް ސިޓީ ވި ކަމަށްވެސް އަޔާޓާސްގެ ސީއީއޯ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާޗް މަހުގެ 2 ވަނަ ދުވަހު ފުރަތަމަ ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދެވި ކުއޯމޯ ވަނީ މި ރޫހުގައި 111 ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދަވާފައެވެ. ކުއޯމޯއަކީ ސިޔާސީ މަގާމެއްގައި ހުންނަވައިގެން، އިންޓަނޭޝަނަލް އެމީ އެވޯޑް ހާސިލު ކުރައްވާ ފުރަތަމަ ޝަހްސުވެސްމެއެވެ.