ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާއި ސްރިލަންކާގެ މަރުކަޒީ ބޭންކު (ސީބީއެސްލް)އާ ދެމެދު ވެފައިވާ ފައިސާ މާރު ކުރުމުގެ އެއްބަސްވުމުގެ ދަށުން، މިހާތަނަށް ދައްކަން ޖެހިފައިވާ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައި ވާ ކަން، ސްރީލަންކާއިން ހާމަކޮށްފިއެވެ.

ސީބީއެސްއެލްއިން ކުރިޓްވީޓެއްގައި ބުނެފައި ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކު (އާރްބީއައި)އާ ދެމެދު އެކުލަވާލި ކަރަންސީ ސްވޮޕް ފެސިލިޓީއާއި ގުޅޭ ހުރިހާ މުއާމަލާތެއް، ޝެޑިއުލްއާ އެއްގޮތަށް ފުރިހަމަ ކޮށް، ނިންމާފައި ވާކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވާ ގޮތާ ހިލާފަށް، މިކަން ކުރުމަށް އިންޑިއާގެ ފަރާތުން އެއްވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތި ވެފައި ނުވާ ކަން ވެސް، ލަންކާގެ މަރުކަޒީ ބޭންކުން ފާހަގަ ކުރެއެވެ.

400 މިލިއަން ޑޮލަރާ ހަމައަށް ފައިސާ މާރުކޮށްދިނުމަށް އިންޑިއާއާއި ސްރީލަންކާއިން އެއްބަސްވުމަކަށް އައީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި އެއްބަސްވުމުގެ މުހުލަތު ދެމިގެންދާނެ ކަމަށް އޭރު އޮތީ ހާމަ ކޮށްފައެވެ.

މި އެއްބަސްވުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ސްރީލަންކާއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އެ ގައުމުގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާއިން އެޅި ފިޔަވަޅެއް ކަމަށް އިންޑިއާ މީޑިއާއިން އޭރު ސިފަކުރިއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އެންމެ ބަލިކަށި ފައިސާގެ ނިޒާމެއް އޮންނަނީ ސްރީލަންކާގައެވެ.