ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާ ދެމެދު ބިނާކުރަނިވި ހަރުދަނާ ގުޅުންތަކެއް ބަދަހި ކުރުމުގެ މަގުސަދުގައި ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތައް، މިމަހުގެ 23 ވާ ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ހާލަތަށް އަދިވެސް ލިޔެއް ލިބިފައި ނުވާއިރު، މި ފަހަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވާޗުއަލް ޕްލެޓްފޯމެއްގައި ކަމަށް ދިވެހި ސަރުކާރުން މައުލޫމާތު ދެއެވެ.
މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ބުރުގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއާއި، މި ބަލިމަޑުކަމަށް އެކަށީގެންވާ އިޖާބައެއް ދީ، ބަލިމަޑުކަމުން އަރައިގަނެ، ގައުމު ބިނާ ކުރުމުގެ މަސައްކަތުގެ މައްޗަށް ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތުގެ ގުޅުންތައް ބަދަހި ކުރުމާއި، ތިމާވެއްޓާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން، ތަރައްގީގެ ރޮނގުން އެއްބާރުލުން ދިނުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް، މާލީ، ޑިމޮކްރަސީ، ހެޔޮވެރިކަން، އިންސާނީ ހައްގުތައް އަދި ސަލާމަތީ ރޮނގުން އެއްބާރުލުން ދިނުމާއި، ޝެންޒެން ވިސާ ފެސިލިޓީއާ ގުޅޭ މަޝްވަރާތައްވެސް، މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގެ 5 ވަނަ ސިލްސިލާގައި ކުރިއަށް ގެންދާނެ ކަމަށް ދިވެހި ސަރުކާރުން މައުލޫމާތުދެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި މަޝްވަރާތަކުގައި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. ވިލާތުގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑެނީސް ޗައިބީއެވެ.
މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައެލޮގްގަކީ ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކާ ދިވެހިރާއްޖެއާ ދެމެދު ހަރުދަނާ ގުޅުމެއް ބަދަހިކޮށް، އެކުވެރިކަމާ އެއްބާރުލުން ދިނުން ވަރުގަދަ ކުރުމުގެ މަގުސަދުގައި އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މަޝްވަރާތަކެކެވެ. މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއިން ވަނީ ވިލާތުގެ އިސް އޮފިޝަލުންނާއެކު، މަތީ ފެންވަރުގެ މަޝްވަރާތަކެއް، ދިވެހިރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.