އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފަހު ދުވަހުގެ ވޯޓުލުން އިއްޔެ ފަށާފައި ވާއިރު، ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅަކު ކަނޑައެޅުމުގައި ގިނަ ރައްޔިތުން އިސްކުރީ އިގުތިސޯދީ ނަޒަރިއްޔާ ކަމަށް، ސީއެންއެންއިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.
ވޯޓުލާ މަރުކަޒުން ނިކުންނަ މީހުންނާ ސުވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި ސާވޭއަށް ބަލާއިރު، އެމެރިކާގެ ހުރިހާ ހިސާބަކުންވެސް ވޯޓު ދިނުމުގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ގޮތް ނިންމައިދިނީ އިގުތިސޯދީ ހާލަތާއި ނަޒަރިއްޔާތު ކަން ވަނީ ހާމަވެފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ 3 ބައިކުޅަ 1 ބައި ހާ މީހުންވަނީ އިގުތިސޯދު މުހިންމު ކަމަށް ބުނެފައެވެ.
ގިނަ ބަޔަކު ވަނީ، އެމެރިކާގެ އިގުތިސޯދަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމަށް ގަބޫލު ކުރާ ކަން ހާމަކޮށްފައެވެ.
ސީއެންއެންގެ ސާވޭގައި ބައިވެރިވި ކޮންމެ 10 މީހަކުން 4 މީހަކު ވަނީ، މީގެ 4 އަހަރު ކުރި ނުވަތަ ބަރާކް އޮބާމާގެ ޒައާމަތާ އަޅާ ބަލާއިރު، އަދުގެ ދިރިއުޅުމުގެ ހާލަތަށް އެދެވޭ ބަދަލުތަކެއް އައިސްފައި ވާ ކަން ފާހަގަ ކޮށްފައެވެ. ކުރިއާ އަޅާ ބަލާއިރު ދިރިއުޅުން ބޮއްސުންލާފައި ވާ ކަމަށް ބުނެފައިވަނީ ކޮންމެ 10 މީހަކުން 2 މީހެކެވެ.
ކަން މިހެން އޮތްއިރު ކެންޑިޑޭޓަކު ހިޔާރު ކުރުމުގައި އިގުތިސޯދާއި ކޮވިޑް-19 ގެ އިޖާބައަށްވެސް ގިނަ ވޯޓަރުން ވަނީ ސަމާލުކަން ދީފައެވެ. ވޯޓު ދޭނެ ކެންޑިޑޭޓަކު އިގުތިސޯދަކީ އިންތިހާއަށް މުހިންމު ފެކްޓަރެއް ކަމަށް ވީ ނަމަވެސް، އެމެރިކާގެ ސަރުކާރުން މިވަގުތު އެންމެ މުހިންމު ސަމާލުކަމެއް ދޭންވީ، އިގުތިސޯދު އާރާސްތު ކުރުމަށް ވުރެ ބޮޑަށް، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކަމަށްވެސް ގިނަ އަދަދެއްގެ ވޯޓަރުން ވަނީ އިއްތިފާގުވެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށް އެމެރިކާގެ ސަރުކާރުން އެދެވޭ އިޖާބައެއް ދީފައި ނުވާ ކަމަށް ވޯޓަރުންގެ އަގުލަބިއްޔަތު ފާހަގަކުރެއެވެ.
ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުމެ ހުންނެވި ޑޮނާލްޑް ޓްރަމްޕާއި، އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ސަޕޯޓަރުންގެ ފިކުރަށް ބަލާއިރު، ޓްރަމްޕްގެ ސަޕޯޓަރުންނަށް ބަލާއިރު ކޮންމެ 10 މީހަކުން 1 އަށް މުހިންމު ވަނީ އިގުތިސޯދެވެ. ބައިޑަންގެ ސަޕޯޓަރުންގެ ތެރެއިން ކޮންމެ 10 މީހަކުން 8 މީހަކު ބުނާ ގޮތުގައި މިވަގުތު އެންމެ ބޮޑު އިސް ކަމެއް ދޭންވީ ކޮވިޑް-19ގެ ބަލިމަޑުކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ލިބެން ފަށާފައި ވާއިރު، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް މީހަކަށް އައްޔަނުކުރާނީ ރައްޔިތުންލާ ވޯޓުގެ އަގުލަބިއްޔަތު ލިބޭ މީހާ ނޫން ކަންވެސް ފާހަގަ ކުރަންޖެހެއެވެ. ރައީސަކު އައްޔަން ވާނީ އިލެކްޓޯރަލް ވޯޓުގެ ނިޒާމްގެ ތެރެއިންނެވެ.
ރިޔާސީ އިންތިހާބުގައި، ރައްޔިތުން ވޯޓު ދިން ކަމުގައި ވީ ނަމަވެސް، ރައީސަކު ކަނޑައެޅުމުގައި ގޮތް ނިންމާ ވޯޓު ދޭނީ އިލެކްޓޯރަލް ކޮލެޖުންނެވެ. އިލެކްޓޯރަލް ކޮލެޖުގައި ހިމެނޭނީ، ވަކިވަކި ސްޓޭޓްތަކުން އައްޔަން ކޮށްފައި ތިބޭ، ވަކި ބައެކެވެ. މީގެ ތެރޭގައި ސިޔާސީ ފިކުރުގެ މީހުން ހިމެނޭއިރު، އިލެކްޓޯޜަލް ކޮލެޖުގެ ވޯޓުގައިވެސް އެކުލަ ޖެހެއެވެ.
އިލެކްޓޯރަލް ކޮލެޖު އެކުލެވިގެން ވަނީ ޖުމުލަ 538 މެމްބަރުންގެ މައްޗަށް ކަމަށް ވާއިރު، ރިޔާސީ ގޮނޑޮކޮޅު ކަށަވަރު ކުރެއްވުމަށް 270 ވޯޓު ބޭނުންވެއެވެ.
ރައްޔިތުން ނިކުމެގެން ލާ ވޯޓަކީ ޕޮޕިއުލާ ވޯޓެވެ. ރައްޔިތުންގެ ވޯޓުގައި މަދުން ވޯޓު ލިބޭ ކެންޑިޑޭޓަށްވެސް ރިޔާސަތު ކާމިޔާބު ވެދާނެއެވެ. 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އާންމުންގެ ވޯޓު ކާމިޔާބުކުރެއްވީ ހިލަރީ ކްލިންޓަން އެވެ. އެހެންނަމަވެސް އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރައްވައިގެން ވެރިކަމުގައި އެ ހުންނެވީ ޓްރަމްޕްއެވެ.
މިފަހަރުގެ އިންތިހާބަށް ބަލާއިރު ރާއްޖެ ގަޑިން މިއަދު ހެނދުނު 07:08 ޖެހުމާ ހިސާބަށް ބައިޑަން ވަނީ 119 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރައްވާފައެވެ. ޓްރަމްޕަށް އަދި ކަށަވަރު ވެފައި ވަނީ 92 ވޯޓެވެ.