އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ނިއުކާސަލްއާ ޗެލްސީ ވާދަ ކުރި މެޗު 2-0 އަކުން ކާމިޔާބުކޮށް ޗެލްސީ ލީގު ތާވާލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ދެ ހަފްތާގެ ބްރޭކަކަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީއިން ލީޑު ނެގި ލަނޑު ޖަހާ ދިނީ ނިއުކާސަލްގެ ކުޅުންތެރިއެކެވެ. މެޗުގެ 10 ވަނަ މިނެޓްގެ ތެރޭގައި ޗެލްސީއިން ނިއުކާސަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ނަަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލީ ނިއުކާސަލްގެ ކުޅުންތެރިޔާ ފަނާންޑޭޒްއެވެ.

ފުރަތަމަ ހާފް ނިމުނީ 1-0 އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. މެޗުގައި ނިއުކާސަލްއަށް މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މެޗުގައި ދެން ޖެހި ލަނޑު ވެސް ކާމިޔާބުކުރީ ޗެލްސީއިންނެވެ.

މިސީޒަންގައި އަލަށް ޗެލްސީއާ ގުޅުނު ޓީމޯ ވާނާ ނަގާ ދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ޓެމީ އަބްރަހަމްއެވެ.

މެޗުގައި ވާނާ ވެސް ލަނޑެއް ޖެހިއެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ވަނީ މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ކަނޑައަޅާފައެވެ. މިމެޗުގައި ވެސް ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މިއީ ލީގުގައި މިހާތަނަށް އޭނާ ކުޅުނު ފަސް މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ނުވައްދާ ނިންމާލި ހަތަރު ވަނަ މެޗެވެ.

މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީވަނީ ކުޅުނުު 9 މެޗުން 18 ޕޮއިންޓް ހޯދައިގެން ތާވާލުގެ އެއްވަނަ އަށް ޖެހިލާފައެވެ. ނިއުކާސަލް އޮތީ ކުޅުނު 9 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވާލުގެ 13 ވަނައިގައެވެ.