އެމެރިކާގެ ފްލޮރިޑާގައި މިއަދު ފެށި ފީފާ ކްލަބް ވޯލްޑްކަޕް މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ. މި މެޗުގައި ކުޅުނީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ އެމެރިކާގެ އިންޓާ މަޔާމީ އަދި މިސްރުގެ އަލް އަހްލީއެވެ.

0-0 އިން އެއްވަރުވީ މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މާ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވާ އިރު ހާއްސަ ގޮތެއްގައި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް މާ ގިނަ ހަމަލާތަކެއް އުފައްދާފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދި އަލް އަހްލީއަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި އެޓީމުގެ ޓްރެޒަގޭ ފޮނުވާލި ޕެނަލްޓީ އިންޓާ މަޔާމީގެ ކީޕަރު އޮސްކާ އުސްތާރީ ހުޝިޔާރު ކަމާއެކު ހިފެހެއްޓިއެވެ.

ދެވަނަ ހާފްގައި އިންޓާ މަޔާމީން ކުޅުނު ރަނގަޅު ކުރި އިރު އެޓީމަށް މިހާރު ކުޅޭ ބާސަލޯނާގެ ލެޖެންޑް ލައިނަލް މެސީގެ ފަރާތުން ވެސް ހުނަރުވެރި ކުޅުންތައް ފެނިގެން ދިޔައެވެ. އަދި މެޗު ނިމެން ދަނިކޮށް އިންޓާ މަޔާމީއަށް ތިން ޕޮއިންޓް ކަށަވަރު ވެގެންދާނެ ފަދަ ޝޮޓެއް މެސީ އަލް އަހްލީގެ ގޯލަށް ފޮނުވާލި އިރު މި ހަމަލާ އެޓީމުގެ ކީޕަރު މުހައްމަދު އަލް ޝަނާވީ ސޭވިކުރިއެވެ.

މި މެޗުން އެއްވަރުވުމުން ދެ ޓީމަށް ވެސް މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުން މި ލިބުނީ 1 ޕޮއިންޓެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ ބްރެޒިލްގެ ޕާމަރޭސް އަދި ޕޯޗުގަލްގެ ޕޯޓޯއެވެ. މި މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން މެންދަމު 12 ޖަހާ އިރެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 32 ޓީމެއް 8 ގްރޫޕަކަށް ބަހާލައިގެން ކުޅޭ ފީފާ ކްލަބް ވޯލްޑްކަޕްގައި ދުނިޔޭގެ ބޮޑެތި ގިނަ ޓީމުތަކެއް ވެސް ވާދަކުރެއެވެ. މީގެ ތެރޭގައި އިންގްލޭންޑްގެ މެންޗެސްޓާ ސިޓީ އަދި ޗެލްސީގެ އިތުރުން ސްޕެއިންގެ ރިއާލް މެޑްރިޑް އަދި އެތްލެޓިކޯ މެެޑްރިކް އަދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީވެސް ހިމެނެއެވެ.