ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ތުރުކީއަށް ވަޑައިގެންފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ، މި ދަތުރަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.

އަދި ތުރުކީއަށް ދިއުމާއެކު ތުރުކީގެ ވެރި ރަށް އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ހޫނު މަރުހަބާއެއް ދެއްވި ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ. އެއާއެކު ތުރުކީ ސަރުކާރުން ދިން ހޫނު މެހެމާންދާރީއަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މި މަޖިލީހުގައި އިސްލާމީ ދުނިޔޭގައި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ހާއްސަކޮށް މުޖުތަމައުއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކަށް ވަކާލާތުކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

އޯއައިސީ އުފެދިފައި ވަނީ 1969 ވަނަ އަހަރު ކަމަށްވާއިރު ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976 އަހަރުއެވެ. އޯއައިސީގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ މުސްލިމު މެޖޯރިޓީ ގައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކެވެ.

އޯއައިސީ އަކީ އދ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިންޓަރގަވަމެންޓަލް އޯގަނައިޒޭޝަނެވެ. އދ އަދި ޔޫރަޕިއަން ޔޫނިއަން ގައި އޯއައިސީގެ ދާއިމީ މަންދޫބުން ތިބެއެވެ. އޯއައިސީގެ އަމާޒަކީ އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓައި މެމްބަރު ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ދުނިޔޭގެ ސުލްހަޔަށް މަސައްކަތްކުރުމެވެ.