2 ދުވަހަކަށް ބަހާލައިގެން މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ފަށައިފިއެވެ.
މިއަދު ހެނދުނު މި ޖަލްސާ ފަށާފައިވާއިރު، މި ޖަލްސާ މި އަހަރު ކުރިއަށް ގެންދަނީ ސޯޝަލް ސެންޓަރުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި، މިދިޔަ އަހަރު އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 4 ސެޝަނަކަށް ބަހާލައިގެން ޖޫން 21 އަދި 22ގެ ނިޔަލަށް ކަމަށެވެ. މި ޖަލްސާގެ ރިހާސަލްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.
މި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގެ ޝަރަފުވެރި މެހެނާނަކަށް ހަމަޖައްސަވާފައިވަނީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޓެންޓް އަދި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެވެ. ޑރ. ވަހީދަށް ވަނީ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 8،362 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެއީ ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިހާނުގައި ހެދި 7،666 ދަރިވަރުންނާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރުންނެވެ.
އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ ޖަލްސާ މިނިސްޓްރީން ވަނީ ތަފާތު ކޮށްފައެވެ. އެގޮތުން މި އަހަރު ދަރިވަރުން ޖަލްސާއަށް ހާޒިރުވާން ޖެހެނީ އެހެން އަހަރުތަކާއި ހިލާފަށް އެ ދަރިވަރަކު މިހާރު ތައުލީމް ހާސިލުކުރަމުންދާ ސުކޫލެއްގެ ޔުނީފޯމުގައެވެ.