ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރުއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު އެއް ވައުދުފުޅު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށެވެ.
ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 12:00 ގައި ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފް އާއި ކުންފުނީގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
1960 ވަނަ އަހަރު ދަގަނޑު ފިލާތަކެއް ބޭނުންކޮށްގެން ހެދި ރަންވޭގެ މައްޗަށް އެންމެ ފުރަތަމަ ބޯޓެއް ޖެއްސުމަށް ދިވެހިން ކުރި ގައުމީ މަސައްކަތް ހަނދާން އާކޮށްދެއްވައި ވާހަކަ ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ، އެމްއޭސީއެލްގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި، އަދި ކަމަކަށް ކުރިމަތި ލައިފިނަމަ އެކަމެއް ނިންމުމާ މެދު އޮންނަ ޔަގީންކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުން ވެސް ފުރިހަމައަށް އެއްބާރުލުން ދީގެން، ރާއްޖެއަށް މިކޮށްދޭ ގައުމީ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތު ރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މި ޓާމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫއެވެ. ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި ޓާމިނަލް ހުޅުވިގެން ދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސޯދަށް ހާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެކެވެ.
އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށް ވުރެ އެތައް ގުނައެއް ބޮޑު، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ހިދުމަތް ދެވޭނެ ތަނަވަސް ޓާމިނަލެކެވެ. އެއިރޯ ބްރިޖް އާއި، ސެލްފް ޗެކިން ސިސްޓަމް އާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކުގެ ހިދުމަތް މި ޓާމިނަލުން ލިބިގެން ދާނެއެވެ.