ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް މިހާރު ގިނައިން ފެންނަނީ ހަދަމުންދާ ރިސޯޓުތަކުން ކަމަށްވުމާއެކު އެފަދަ ރަށްރަށުގައި އިންސްޕެކްޝަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެފަދަ ރަށްތަކުގައި ހާއްސަ އިންސްޕެކްޝަނެއް ފަށާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓު ތަކުން ފެންނަމުން ދާ ކޮވިޑް ކޭސްތަކުގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 200 އަށް ވަނީ އަރާފައެވެ. އެގޮތުން ރިސޯޓު ތަކުގައި ޕޮޒިޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 42 ފަތުރުވެރިންނާއި 158 މުވައްޒަފުންނެވެ.
ރިސޯޓު ތަކުން ފެންނަ އެކްޓިވް ކޭސްތައް އިތުރުވަމުން އައިސްފައި ވާ ގޮތަށް ބަލާއިރު ވޭތުވެ ދިޔަ ތިން ދުވަހު ކޭސް އިތުރުވާ މިންވަރު އިތުރުވެފައި ވާ ކަަން ވަނީ ފާހަގަ ވެފައެވެ. އެ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ރިސޯޓު ތަކުގައި ތިބީ 138 އެކްޓިވް ކޭސްއެވެ. އެއީ 48 ފަތުރުވެރިންނާއި 90 މުވައްޒަފުންނެވެ. އަދި 19 ވަނަ ދުވަހު އެ އަދަދު ވަނީ އިތުރު ވެފައެވެ. އެގޮތުން 19 ވަނަ ދުވަހު ރިސޯޓު ތަކުގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 156 މީހުންނެވެ. އެއީ 46 ފަތުރުވެރިންނާއި 110 މުވައްޒަފުންނެވެ. އަދި އިއްޔެ އެކްޓިވް ކޭސްގެ އަދަދު ވަނީ 200 އަށް އަރާފައެވެ.
މީހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ ގިނަވަމުންނެވެ. އެ ގޮތުން އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 94 އަށް އަރާފައެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 45 މީހަކު ހިމެނެއެވެ.
ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،546 އަށް އަރާފައެވެ. އޭގެ ތެރެއިން އިއްޔެ 22 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،497 އަށް އަރާފައެވެ.
މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 997 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 80 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 320 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.