އަދާ ޖެހުނު އިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވުމަށްފަހު 6 މަހެއްހާ ދުވަސް ވަންދެން ބަލި ނުޖެހި ހުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކީ މިވަގުތު ދުނިޔެއަށް ބޭނުން ވެފައިވާ އުއްމީދީ އިޝާރާތެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ މައިކް ރާޔަން ވިދާޅުވީ، ބަލިޖެހުމަށްފަހު، ދެވަނަ ފަހަރަށް އެ ވައިރަހަށް އިންފެކްޓް ނުވެ، ހަށިގަނޑުން ދުވަސްތަކެއް ވަންދެން ދިފާއު ހޯދާ ދޭކަމުގެ ހަބަރަކީ އުއްމީދީ ހަބަރެއް ކަމަށާ، މިއީ ވެކްސިންގެ ނަޒަރުން ބަލާއިރުވެސް ލިބުނު އުއްމީދީ މެސެޖެއް ކަމަށެވެ.

ޑރ ރާޔަންގެ ވާހަކަ މިފަދަ ގަތަކަށް ހުރިއިރު، ޑަބްލިއުއެޗްއޯއިން ކޮވިޑް-19އަށް ކަނޑައަޅާފައި ހުންނަވާ ޓެކްނިކަލް އޮފިޝަލު ޑރ މާރިއާ ވެންކަރުކޯވް ވަނީ، ވައިރަހަށް އިންފެކްޓްވެގެން ދިފާއު ލިބޭ މުއްދަތު ދެނެގަތުމަށް، މިހާރުވެސް ކަންކަން ތަންފީޒު ކުރަމުންދާ ގޮތަށް ކަންތައްތައް ތަންފީޒު ކުރަމުން ދާ ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިން ކުރި ދިރާސާއެއް ދައްކާ ގޮތުގައި، ކޮވިޑް-19އަށް އިންފެކްޓް ވުމަށް ފަހު، 6 މަހެއްހާ ދުވަސް ވަންދެން، 2 ވަނަ ފަހަރަށް އެ ވައިރަހަށް އިންފެކްޓް ނުވުމުގެ ފުރުސަތު އޮވެއެވެ.