އިންޑިއާގެ އިރުމަތީ ބިހާރު ޕްރޮވިންސްގައި، ހިންދޫ ފިރިހެނަކާ އޭނާގެ އެކުވެރިންތަކެއް ވެގެން، ދިރިހުއްޓާ "އަންދާލި" އަންހެން މީހާގެ ހައްގުގައި، ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންނާއި، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ތެދުވެއްޖެއެވެ.

ވައިޝާލީ ޑިސްޓްރިކްޓްގައި، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މި ޖަރީމާ ހިންގީ، ހިންދޫ ފިރިހެން މީހާއާ ކައިވެނި ކުރުމަށް، އުމުރުން 20 އަހަރުގެ ގުލްނާޒް ހާތޫން އިންކާރު ކުރުމުންނެވެ. ޕްރޮވިންސްގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ ޕަޓްނާ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ގުލްނާޒް ހާތޫން ގެންދެވުނު އިރުވެސް އޭނާގެ ހަށިގަނޑުގެ 75 ޕަސެންޓް ފިހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ހާތޫން މަރުވީ، ފިހިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.

ޖަރީމާ ހިންގި މީހުން ކަމުގައި ތުހުމަތު ކުރާ ސަތީޝް ކުމާރޫ ރާއީ، ޗަންދަން އަދި ވިނޯދް ރާއީއާ ދެކޮޅަށް ފިޔަވަޅު އެޅުން، ފުލުހުން ފަސް ކުރި ކަމަށް ގުލްނާޒް ހާތޫންގެ އާއިލާއިން ތުހުމަތު ކުރެއެވެ.

ރޭޕް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ހިޔާލީ ކުރެހުމެއް/ފޮޓޯ: ޑީއެންއޭ އިންޑިއާ

ހާދިސާ ހިނގިއިރު، ގުލްނާޒް ހާތޫން ވަނީ އެހެން މީހަކާ ކައިވެނި ކުރުމަށް "އެންގޭޖް" ކޮށްފައެވެ. އެ ކައިވެންޏަށް 4 މަހެއްހާ ދުވަސް އޮތް ކަމަށް އާއިލާއިން ބުނެއެވެ.

އަންހެން މީހާގެ އާއިލާއިން ބުނާ ގޮތުގައި ސަތީޝް ކުމާރު ރާއީއަކީ އޭނާއާ ކައިވެނި ކުރުމަށް އެދި ގުލްނާޒް ހާތޫންއަށް ފުރައްސާރަ ކުރަމުން ދިޔަ މީހެކެވެ. ސަތީޝް ކުމާރު ރާއީއާ ކައިވެނި ކުރުމަށް ގުލްނާޒް ހާތޫން އިންކާރު ކުރީ ދީނީ ފިކުރު ތަފާތު މީހަކާ ކައިވެނި ކުރަން ބޭނުން ނުވާތީ ކަމަށް އާއިލާއިން ބުނެއެވެ. ސަތީޝް ކުމާރު ރާއީ، ގުލްނާޒް ހާތޫން މަރާލީ ކައިވެނި ކުރަން އެއްބަސް ނުވުމުން އެކަމުގެ ރުޅީގައި ކަމަށް އާއިލާއިން ދައުވާ ކުރެއެވެ.

އިންޑިއާގެ މީޑިއާގައިވެސް ގުލްނާޒްގެ މަރަށް މާ ބޯޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. މީޑިއާގައި އަޑު ފަތުރާފައި ވަނީ، ހާތޫން އަންދާލާފައި ވަނީ، ކުނި ނެރެން ދިޔަ ވަގުތެއްގައި ކަމަށެވެ. މީޑިއާއިން އޭނާއަށް ސަމާލުކަން ދީފައި ނުވަނީ މުސްލިމަކަށް ވުމުން ކަމަށްވެސް ބުނެވެއެވެ.

ގުލްނާޒް ހާތޫންގެ ވީޑިއޯ

ލާއިންސާނީ ޖަރީމާގެ ޝިކާރައަކަށްވި ގުލްނާޒް ހާތޫން ވަނީ މަރުވުމުގެ ކުރިން ވީޑިއޯ މެދުވެރިކޮށް ބަޔާނެއް ދީފައެވެ. އެ ބަޔާނުގައި އޭނާ ބުނެފައި ގޮތުގައި 3 މީހަކު އޭނާގެ "ގަޔަށް އެރި"އެވެ. އެކަމަށް ދެކޮޅު ހަދާ، މަންމަ ގާތު ބުނާނެ ކަމަށް އިންޒާރު ކުރުމުން، ރުޅި އައިސްފައި ތިބި އެ މީހުން، ގުލްނާޒް ހާތޫންގެ ގަޔަށް އެމީހުން ސާފުތެޔޮ އެޅީ ކަމަށް އޭނާ ބުނެއެވެ.

މި ބަޔާނުގައި ސަތީޝް ކުމާރު ރާއީގެ ނަން އޭނާ ވަކިން ފާހަގަ ކުރެއެވެ. އޭނާގެ ގަޔަށް ތެޔޮ އަޅާ، ރޯކޮށްލީވެސް ސަތީޝް ކުމާރު ރާއީ ކަމަށް ބުނެއެވެ.

ރޭޕްކުރުމާ ދެކޮޅަށް އަދި ރޭޕްކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ބަޔަކު މުޒާހަރާ ކުރަނީ/ފޮޓޯ: އޯޑީޓީ

ވައިޝާލީ ޑިސްޓްރިކްޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލީސް ގޯރާވް މަންގްލާ ވިދާޅުވީ، ތުހުމަތު އަމާޒުވާ މީހުން އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށާ، އެ މީހުން ހައްޔަރު ކުރުމަށް، ފުލުހުންގެ 3 ޓީމެއް އެކުލަވާލާފައި ވާ ކަމަށެވެ. މިމައްސަލާގައި އިހުމާލުވެފައި ވާތީ، ސަރަހައްދީ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާ ވަނީ ސަސްޕެންޑްކޮށްފައެވެ.

ގުލްނާޒް ހާތޫންގެ ކޮއްކޮ، ގުލްޝާން ޕަރްވީނު ބުނީ ދައްތަގެ ހަޅޭކުގެ އަޑަށް، އަވަށު މީހުން އެއްވިއިރު، ޖަރީމާ ހިންގި މީހުން ފިލައިފި ކަމަށެވެ.

އާއިލާގެ އާދޭސް

ގުލްނާޒް ހާތޫންގެ ބައްޕަ، މުހުތާރު މި ދުނިޔެއާއި ވަކިވީ 2017 ވަނަ އަހަރުއެވެ. 5 އަންހެން ދަރިންނާއި 4 ފިރިހެން ދަރިން ދިރިއުޅެމުން ދިޔައީ، މަންމަ ޝައިމޫނާ ހާތޫންއާއި ބޭބެ އިސްތްކާރު އަހުމަދަށް ލިބޭ އާމްދަނިއަކުންނެވެ. މަންމަ ފަހަނީއެވެ. މަންމަ ފަހާ އެއްޗިހި ވިއްކަނީ ފިރިހެން ދަރިފުޅެވެ.

ސަތީޝް ކުމާރު ރާއީގެ ފަރާތުން ގުލްނާޒް ހާތޫންއަށް ފުރައްސާރަ ކުރިމަތިވާ ކަމުގެ ޝަކުވާ، ސަތީޝް ކުމާރު ރާއީގެ އާއިލާއަށް މީގެ ކުރިންވެސް ކުރިއެވެ. ފުރައްސާރަ ކުރާތާ ދެތިން މަހެއްވެއްޖެއެވެ. ނަމަވެސް ސަތީޝް ކުމާރު ރާއީގެ އާއިލާއިން ކުރި އެއްވެސް ކަމެއް ނެތެވެ.

ގުލްނާޒް ހާތޫންގެ ކައިވެނި، އެހެން މީހަކާ ކުރަން ހަމަޖެހުމުން، ސަތީޝް ކުމާރު ރާއީގެ ފުރައްސާރަ ވަކިން ބޮޑުވިއެވެ.

"އަހަރަމެން ބޭނުމީ އިންސާފު. މިހާރު 17 ދުވަސްވީ. އަދިވެސް މާ ބޮޑު ކުރިއެރުމެއް ނުލިބޭ. ޝަކުވާ ކުރިން. އެކަމަކު އަޑެއް ނޭހި. އަހަރަމެންގެ އަތަކު އެއްވެސް ބާރެއް ނެތް. އެހީވާނެ މީހަކު ނެތް" ޝައިމޫނާ ހާތޫން ބުންޏެވެ.

ގުލްނާޒް ހާތޫންއަށް އިންސާފު ހޯދާ ދިނުމަށް ސޯޝަލް މީޑިއާގައިވެސް މިހާރު ވަނީ ކެމްޕޭން ފަށާފައެވެ. އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ، ދައުވާ ލިބޭ ފަރާތްތައް މިހާރުން މިހާރަށް ހައްޔަރު ކޮށް، ބަދަލެއްގެ ގޮތުގައި އާއިލާއަށް 2 މިލިއަން ރުޕީޒް ހަމަޖައްސާ ދިނުމަށާ، ސަރުކާރުން ވަޒީފާވެސް ހަމަޖައްސާ ދިނުމަށް ޑިމާންޑް ކުރަމުންނެވެ.