ސޫރިއާގެ ތަޖުރިބާކާރު ޑިޕްލޮމެޓް އަދި ހާރިޖީ ވަޒީރު ވަލީދު އަލް-މުއައްލިމް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 79 އަހަރުގެ މުއައްލިމް އަވަހާރަވި ސަބަބެއް ސޫރިއާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފާއިތުވީ އަހަރުތަކުގައި މުއައްލަމްގެ ސިއްހީ ހާލުކޮޅު މާ ރަނގަޅު ނޫން ކަމަށް ހަބަރު ލިބެއެވެ. އެގޮތުން ހިތުގެ ބަލީގެ ތަކުލީފުތަކެއް އުފުލެއްވި ކަމަށް މައުލޫމާތު ލިބެއެވެ.

ސޫރިއާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ޒައާމަތުގައި، އެ ގައުމުގެ ހާރިޖީ ވަޒީރު ކަމުގެ މަގާމަށް މުއައްލަމް އައްޔަން ކުރެއްވީ 2006 ވަނަ އަހަރުއެވެ. އޭރު އޭނާ ގެންދެވީ ބޮޑުވަޒީރުގެ ނައިބު ކަމުގެ މަގާމުވެސް އަދާ ކުރައްވަމުންނެވެ.

ސޫރިއާގައި ކުރަމުންދާ ދަހިލީ ހަނގުރާމާގައި އަސަދަށް ތާއީދު ކުރެއްވި މުއައްލަމް އަކީ، ސޫރިއާގެ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ހުޅަނގުގެ ބާރުތަކާ އެމެރިކާ ކަމަށް ވަކާލާތު ކުރެއްވި ޑިޕްލޮމެޓެކެވެ.

ސޫރިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކަންވެސް ކުރެއްވި މުއައްލަމްގެ ޖަނާޒާ އޮންނާނީ މިއަދު ފަހުގެ ވަގުތެއްގައި، ސޫރިއާގެ ވެރިރަށް ދިމިޝްކުގައެވެ.