މި ހިނގާ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު، އަފްގާނިސްތާނުގެ ކާބުލް ޔުނިވާސިޓީގައި ދިން ވަރުގަދަ ހަމަލާތަކުގެ ފަހަތުގައި ހުރި "މޭސްތިރި"، އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަތުލައިގަނެވިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ހަތިޔާރު ހިފައިގެން ތިބި 3 މީހަކު ޔުނިވާސިޓީ ތެރެއަށް ވަދެ، އެތައް ގަޑިއިރެއް ވަންދެން ދިން ހަމަލާތަކުގައި 22 މީހެއްގެ ފުރާނަ ގެއްލި، 27 މީހަކަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތާލިބާނުންނާއި މައި ސަރުކާރާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ މި ދަނޑިވަޅުގައި، މި ނުރައްކާތެރި ހަމަލާ ދީފައި ވަނީ ދުވާލުގެ ވަގުތެއްގައި ކަމުން، އަފްގާނިސްތާނުގެ ސަލާމަތީ ކުރިމަގާ މެދު ވަކިން އިތުރު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ކާބުލް ޔުނިވާސިޓީގައި ދެމުންދިޔަ ހަމަލާތައް، އެތައް ގަޑިއިރަކަށް ފަހު ހުއްޓުމަކަށް އައި ހަތިޔާރު އަޅައިގެން ތިބި 3 މީހުން މަރާލެވުނު ހިސާބުންނެވެ. މި ހާދިސާގެ މޭސްތިރީގެ ގޮތުގައި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައި ވަނީ އާދިލް ނަމަކަށް ކިއާ މީހެއް ކަމަށް، އަފްގާނިސްތާނުގެ ނައިބު ރައީސް، އަމްރުއްލޯ ސޯލިހު ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ހާމަ ކުރައްވާފައެވެ. އެމީހާގެ ފުރިހަމަ ނަން، ހާމަ ކުރައްވާފައެއް ނުވެއެވެ.

ސޯލިހު ވިދާޅުވީ އާދިލް ރެކްރޫޓު ކޮށްފައި ވަނީ ހައްގާނީ ނެޓްވޯކުން ކަމަށެވެ. އަދި ހަމަލާ ދީފައި ވަނީ ސަރުކާރަށް ޕްރެޝަރު ކޮށް، ސަރުކާރުގެ އަބުރު ކަތިލާ، އާންމު ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ބަލިކަށިކަމަށް ދެއްކުމަށް ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ޕަންޖްޝީރު ޕްރޮވިންސަށް ނިސްބަތްވާ އާދިލްގެ އާއިލާ ދިރިއުޅެމުން ދަނީ ކާބުލްގެ ރަށް ބޭރުގައި ކަމަށާ، އޭނާގެ އާއިލާއަށްވެސް އޭނާއަށް ވީ ގޮތެއް ނޭނގޭތާ 3 އަހަރެއްހާ ދުވަސް ވެފައި ވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. އަދި ހަނގުރާމަ ކުރުމަށް ތަމްރީނު ހޯދާ ކަމުގެ ހަބަރުތަކެއް ދައުރުވި ކަމަށްވެއެވެ.

ސޯލިހު އިތުރަށް ވިދާޅުވީ، އާދިލްއާ ސުވާލު ކުރި ކުރުމުން، ހައްގާނީ ނެޓްވޯކުން އޭނާއަށް ހަތިޔާރު ދީފައި ވާ ކަމަށް އޭނާ ބުނެފައި ވާ ކަމަށެވެ. ހައްގާނީ ނެޓްވޯކަކީ ތޯލިބާނުންގެ ހިޔަނި ޖަމާއަތެކެވެ.

ކާބުލް ޔުނިވާސިޓީއަށް ދިން ހަމަލާގެ ޒިންމާ، އައިސިސް ޖަމާއަތުންވެސް އޮތީ އުފުލާފައެވެ.