ވަރަށް އަވަހަށް، އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލަވާލާނެ ކަމަށް، މީގެ ހަފުތާއެއް ކުރިން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި، ހަތިޔާރުއެޅި ހަނގުރާމަވެރި ޓެރަރިސްޓް ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

ތޯލިބާނުންގެ ތަރުޖަމާނެއްގެ ގޮތުގައި މީޑިއާއަށް އާންމު ވަމުން އަންނަ ޒަބީއުއްލޯ މުޖާހިދު ބުނީ، އަފްގާނިސްތާނުގެ ސިޔާސީ ލީޑަރުންނާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށް ދާ ކަމަށާ، ކައިރި މުސްތަގުބަލެއްގައި އާ ސަރުކާރު އިއުލާން ކުރެވޭނެ ކަމަށެވެ.

އަފްގާނިސްތާނުގެ ސިޔާސީ ލީޑަރުންނާއި ތޯލިބާނުންގެ އޮފިޝަލުން، އަފްގާނިސްތާނުގެ ވެރިރަށް، ކާބުލްގައި ބައްދަލު ކޮށްފައި ވާ ކަމަށާ، ސިޔާސީ ލީޑަރުންގެ ފިކުރާއި ދެކޭ ގޮތަކީ މުހިންމު އެއްޗެއް ކަމަށް މުޖާހިދު ބުނެފައި ވެއެވެ. އަދި މަޝްވަރާތައް ކުރިއަށް ދާ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ތޯލިބާނުންގެ އޮފިޝަލުން ބައްދަލު ކުރި އަފްގާން ލީޑަރުންގެ ތެރޭގައި އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީއާއި ޢަބްދުﷲ ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ޢަބްދުﷲ ޢަބްދުﷲ އަކީ ހައި ކައުންސިލް ފޮ ނޭޝަނަލް ރީކޮންސިލިއޭޝަންގެ އިސްވެރިޔާއެވެ.

ޢަބްދުﷲ ޢަބްދުﷲ ވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރި ކުރައްވާ، މިމަޝްވަރާތައް ކުރިއަށް ދިޔަ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މަޝްވަރާތައް އަމާޒު ކުރެވުނީ، ހުރިހާ ފަރާތެއްގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ ސަރުކާރެއް ގާއިމު ކުރުމުގެ މައްޗަށް ކަމަށްވެސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

އަފްގާނިސްތާނުގައި އާ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވާލާނެކަން ތޯލިބާނުން އިއުލާން ކޮށްފައި ވާ މި ދަނޑިވަޅަކީ، އަފްގާނިސްތާނު ދޫކޮށް ދިއުމަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރަމުން ދާ ދަނޑިވަޅެކެވެ. އަފްގާނިސްތާނު ދޫކޮށް އެހެން މަންޒިލްތަކަށް ދަތުރު ކުރަން މަސައްކަތް ކުރާ ފަރާތްތަކުން އެ ކަން ކުރަނީ ތޯލިބާނުންގެ ހަރިކަށި ފިކުރުގެ ވެރިކަމަކަށް ބިރުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ 20 އަހަރު ދުވަސް ކުރިން، އަފްގާނިސްތާނުގެ ރައްޔިތުން ވަނީ ތޯލިބާނުންގެ ހަރުކަށި ވެރިކަން ތަޖުރިބާ ކޮށްފައެވެ.

ތޯލިބާން ޖަމާއަތާއެކު އަފްގާނިސްތާނުގެ ސިޔާސީ ލީޑަރުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.